މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އީސީން ބުނީ ވޯޓު އޮފިޝަލަކަށް ވުމުގެ ފުރުސަތު މިއަދުން ފެށިގެން ޖޫން މަހުގެ 22 ވާ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހެެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 8000 އޮފިޝަލުން ނަގާނެއެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓު ފޮށި ބަހައްޓޭނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ވެގެން ދާނީ ރާއްޖޭގެ ދިމުގްރާތީ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ އިންތިހާބަށެވެ.

އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 260،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނުއިރު، މި އަހަރުގެ އިންތިޚާބުގައި އެ އަދަދު 280،000 އަށް ވުރެ އިތުރުވާނެއެވެ.