13 Mar 2023, 22:50
ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.
ކޮމަންވެލްތް ދުވަހާއި ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ކޮމަންވެލްތުގެ އިސް ލީޑަރު ކަމުގައިވާ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްއަށާއި ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް ވިދާޅުވީ، ކޮމަންވެލްތުގެ އުސޫލުތައް ހިފެހެއްޓުމުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތުގައި އަމާން، އަދި ސުލްހަވެރި މުޖުތައުއެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކޮމަންވެލްތު ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާރިޗު މަހުގެ 13 ވަނަ ދުވަހެވެ. މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރަކީ "ދެމެހެއްޓެނިވި އަދި ސުލްހަވެރި އެއް މުސްތަޤުބަލެއް ބިނާކުރުން" އެވެ.
އަހަރުތަކެއް ވަންދެން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ކޮމަންވެލްތާއި ވަކިވިއެވެ. ރާއްޖޭން ކޮމަންވެލްތާ އަލުން ގުޅުނީ ރައީސް ޞާލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.