19 Apr 2012, 00:23
ސީމެގްގެ ރިޕޯޓްގައި ރާއްޖޭގެ ގިނަ ރައްޔިތުން އިންކްއަރީ ކޮމިޝަނަށް ތާއީދު ނުކުރާ ކަމަށް ބުނާ ބުނުމަކީ އެއްވެސް ދިރާސާއެއް ކުރުމެއްނެތި ވަކިބައެއްގެ ހިޔާލައި އެއްގޮތަށް ބުނެފައިވާ ބުނުމެއް ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ދިޓިވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފޫޅުންނަށް ވެސް އިންކްއަރީ ކޮމިޝަނާއި ގުޅޭ ގޮތުން ގިނަ ރައްޔިތުން ދެކޭ ގޮތް ސާފުކޮށް ދަންނަވަން ނޭގޭއިރު އަދި އެކަމާ ގުޅޭ ސާވޭއެއް ކުރުމެއްނެތި ބޭރުން ވަޑައިގެންނަވާ ބޭފުޅުންކޮޅަކަށް ރާއްޖޭގެ ވަކިބަޔާކަ ވާހަކަ ދެއްކެވުމަށް ފަހު ގޮތް ނިންމުމަކީ އެކަމާ ހައިރާންވެ ވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު ހަމަ ހައިރާންވި ކޮމަން ވެލްތުން އެ ނެރުނު ބަޔާނުގައި ރާއްޖޭގެ ގިނަ ބަޔަކު ކޮމިޝަނަށް ތާއީދު ނުކުރާ ވާހަކަ ބުނެފައި އޮތުމުން އެބޭފުޅުންނަށް ކިހިނެއްތޯ އެނގެނީ! އަޅުގަނޑުމެން އަބަދު ސިޔާސީ ދާއިރާގައި އުޅޭމީހުންނަށް ވެސް ރައްޖޭގެ ގިނަ ރައްޔިތުން މިކަމުގައި ދެކެނީ ކިހިނެއްތޯ ސާފުކޮށް ދަންނަވާކަން ނޭގޭނެ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ކޮމަންވެލްތުގެ މިނިސްޓްރީއަލް ގްރޫޕް، ސީމެގުން އިންކްއަރީ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫންކަމަށް ބުނާއިރު އެފަރާތުން ބޭނުންވާ ގޮތް ސާފްވާން ޖެހޭނެ ކަމަށެވެ. އަދި އެބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އެކި ފަހަރު އެކިގޮތަށް ހުރުމުގެ ސަބަބުން ކޮމަން ވެލްތުން އެދޭ ގޮތް ސަރުކާރުން ފުރިހަމަ ކުރަން އެހާ ފަސޭހަނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮމަން ވެލްތުން އެބަޖެހޭ އެބޭފުޅުން އެ ގަބޫލް ކުރައްވާ ގޮތްތަކާ ބައްލަވަން ބޭނުންފުޅުވާ ގޮތްތަކަކާއި މުސްތަގިއްލުކަން އިތުރަށް ކުރުމަށް ޓަކައި ނޫނީ ކޮމިޝަން އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި ދެން ހަދަންވާ ގޮތެއް، އެބޭފުޅުން ބޭނުންވާ ގޮތެއްވެސް ސާފްކޮށް ވިދާޅުވާން،" ޑީއާރްޕީގެ ލީޑަރު ވިދާޅުވި އެވެ.
ކޮމަންވެލްތުން މިއަހަރު ތެރޭގައި އަވަސް އިންތިހާބެއް ރާއްޖޭގައި ބާއްވަން ޖެހޭކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދު ދެއްވައި ތަސްމީން ވިދާޅުވީ ވެރިކަން ބަދަލުވީ ގޮތް ފުރިހަމައަށް ތަހުގީގު ކުރުމަށް ފަހު އެ ތަހުގީގުގެ ނަތީޖާގެ މައްޗަށް ބުރެވެގެން ނޫނީ ބައިނަލްއަގުވާމީ ޖަމާއަތަކަށް އަދި އެޖާމާއަތް ތަމްސީލްކރާ ގައުމަކަށް ވެސް އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލެވިދާނެ ކަމަށް ގަބޫލު ފުޅުނު ކުރައްވާ ކަމަށެވެ.
"ބައިނަލް އަގުވާމީ ޖަމިއްޔާއަކުން އެޖަމިއްޔާގެ މެންބަރު ގައުމަކުން އިންތިހާބާ ގުޅޭ ކަމެއް ޝަރުތުކުރާކަށް ޖާގައެއް ނޯންނާނެ. އެޖަމިއްޔާއިން އެއްބަސްވެވޭ މިންގަޑުތަކާއި ހިލާފު ވީކަމަށް ގަބޫލް ކުރެވިގެން ގައުމެއްގެ މައްޗަށް އިންތިހާބެއް ބޭއްވުމަށް އެބޭފުޅުންނަށް ޝަރުތު ކުރެވޭނީ ހިނގައި ދިޔަކަމެއް ބެލުމަވެސް ބެލުމަށް ފަހުގައި،" ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވި އެވެ.
ކޮމަން ވެލްތުން އެންނެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ވެރިކަން ބަދަލުވީ ގޮތް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫންކަމަށާއި އެކޮމިޝަން އަލުން އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި މިއަހަރުގެތެރޭގައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭކަމަށްވެސް ކޮމަން ވެލްތުގެ ރިޕޯޓްގައި ވަނީ ފާހަކޮށްފަ އެވެ.