ބެއިޖިން (13 މާޗް 2023): އިރާގު ހިމެނޭގޮތަށް ގަލްފުގެ އަރަބި ގައުމުތަކާއި އީރާނުގެ އިސްވެރިންގެ ސަމިޓެއް ބެއިޖިންގައި ބޭއްވުމަށް ޗައިނާގެ ރައީސް މަސައްކަތް ކުރައްވާ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

ވަރަށް އިތުބާރުހުރި މަސްދަރުތަކަކާ ހަވާލާދީ އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" ބުނާގޮތުން މިސަމިޓް ބޭއްވުމަށް އެދި ޗައިނާގެ ރައީސް ޝީޖިންޕިންވަނީ އިރާގު ހިމެނޭގޮތަށް ގަލްފުގެ އަރަބި ގައުމުތަކުގެ ވެރިންނަށާއި އީރާނުގެ ރައީސް އިބްރާހީމް ރައީސީއަށް ހުށަހަޅުއްވާފައެވެ. ޗައިނާގެ މިހުށަހެޅުމަށް ގަލްފުގައި ހިމެނޭ އީރާނާއި ގަލްފުގައި ހިމެނޭ އަރަބި ގައުމުތަކުން ފެހި އަލި ލިބިފައިވާ ކަމަށްވެސް މި ނޫސް ބުނެއެވެ.

ޗައިނާ އިސްކޮށް އޮވެގެން ދާދިފަހުންވަނީ އީރާނާއި ސައޫދީ އަރަބިޔާ ސުލްހަ ކުރުވައި ދެގައުމުގެ ކެނޑިފައިވާ ގުޅުންތައް އަލުން އިއާދަކުރުމަށް ނިންމާފައެވެ. މިކަމާބެހޭ އެއްބަސްވުމުގައި އީރާނާއި ސައޫދީ އާއި ޗައިނާގެ ކަމާބެހޭ މަސްއޫލުވެރިން ސޮއިކުރައްވާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގް ގައެވެ.

އީރާނާއި ސައޫދީން ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިއާދަކޮށް ދެގައުމުންކުރެ ކޮންމެ ގައުމަކުންވެސް އަނެއް ގައުމުގައި އެންބަސީއާއި ކޮންސިއުލޭޓްތައް ހުޅުވައި ސަފީރުން އައްޔަންކޮށް ޑިޕްލޮމޭޓުން ފޮނުވުމަށް ކުރަންޖެހޭ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރުވަނީ ފަށާފައެވެ. މިމަސައްކަތްތައް އަވަސްކުރުމަށްޓަކައި އީރާނާއި ސައޫދީގެ ޚާރިޖީ ވަޒީރުން ދާދި އަވަހަށް ބައްދަލުކުރައްވާނެކަން އެދެގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

"ވޯލް ސްޓްރީޓް ޖާނަލް" ބުނާގޮތުން އީރާނާއި ސައޫދީ އާއި ޗައިނާއިން މިހާރުވަނީ އެތިން ގައުމުގެ މެދުގައި ހިންގާ ޑިޕްލޮމެޓިކް ހުރިހާ މުއާމަލާތްތަކެއްގައިވެސް އިނގިރޭސި ބަސް ބޭނުން ނުކުރުމަށް ނިންމާފައެވެ. އިނގިރޭސި ބަހަކީ މިތިން ގައުމުންކުރެ އެއްގައުމެއްގެވެސް ރަސްމީ ބަސްކަމަށް ނުވާތީ މިތިން ގައުމުން ނިންމާފައިވަނީ އެގައުމުތައް ޝާމިލުވާ ހުރިހާ މުއާމަލާތްތަކެއް މެންޑަރިން ބަހާއި އަރަބި ބަހާ އަދި ފާރިސީ ބަހުން ކުރުމަށެވެ.

މީގެއިތުރުން މިތިން ގައުމުގެ މެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިންވެސް ބައެއް މުއާމަލާތްތައް އެތިން ގައުމުގެ ފައިސާ ބޭނުންކޮށްގެން ކުރުމަށްވަނީ އެއްބަސްވެފައެވެ.

މިހާރުވެސް ޗައިނާއާއި އީރާނާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އީރާނުގެ ފައިސާ ކަމަށްވާ ރިޔާލް އާއި ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން ބޭނުންކުރެއެވެ. ހަމަމިގޮތަށް ޗައިނާއާއި ސައޫދީއާ ދެމެދު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައިވެސް އެމެރިކާ ޑޮލަރުގެ އިތުރުން ސައޫދީ ރިޔާލް އާއި ޗައިނާގެ ޔުވާން ގެންދަނީ ބޭނުންކުރަމުންނެވެ.

އީރާނާއި ސައޫދީގެ ގުޅުންތައް ރަނގަޅުކުރުމަށް ޗައިނާގެ އިތުރުން އިރާގާއި އުމާންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މިކަން ކާމިޔާބުވީ ޗައިނާފަދަ ބޮޑުބާރެއް މިކަމުގެ ތެރެއަށް ސީދާގޮތެއްގައި ވަނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޗައިނާއަކީ އީރާންވެސް އަދި ސައޫދީވެސް ވަރަށް އިތުބާރުކުރާ ގައުމެކެވެ. އީރާނާއި ސައޫދީގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީވެސް ޗައިނާއެވެ.

ސައޫދީއާއި އީރާން ސުލްހަވުމަކީ އިސްރާއީލާއި އެމެރިކާއަށް ކުރިމަތިވި ޑިޕްލޮމެޓިކް ނާކާމިޔާބެއްގެ އިތުރުން އެއީ އެދެގައުމަށް ކުރިމަތި ސްޓްރެޓީޖިކް ނާކާމިޔާބީ އެއްކަމަށް މުހައްލިލުންވަނީ ސިފަކޮށްފައެވެ. އިސްރާއީލުންވަނީ މިކަމާމެދު ކަންބޮޑުވާކަންވެސް ހާމަކޮށްފައެވެ. އިސްރާއީލަކީ ފަލަސްތީނުގެ ހައްގުތައް ނުދީ އަދި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އޮވެ އަދި ފަލަސްތީނު މީހުން މެރުމާއި އެމީހުންގެ ގެދޮރު ހަލާކުކުރުންފަދަ ޓެރަރިޒަމްގެ ޖަރީމާ ހުއްޓާނުލައި އެކަން ކުރިޔަށް ގެންދަމުން ސައޫދީއާ ގުޅުންތައް ގާއިމް ކުރަންބޭނުންވާ ލާއިންސާނީ އިސްތިއުމާރީ ގައުމެކެވެ.

އީރާނަކީ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކަށް އެހީތެރިވާ ގައުމަކަށްވާތީއާއި ނިއުކްލިޔާ ބާރުވެސް ހޯދަން މަސައްކަތްކުރާ ގައުމަކަށްވާތީ އެމެރިކާގެ އެހީގައި ސައޫދީއާ ގުޅުންތައް އުފައްދައިގެން އީރާނާދެކޮޅަށް އަރަބި ގައުމުތައް ނެރުމަކީވެސް އިސްރާއީލުގެ ވަރަށް ބޮޑު މަގްސަދެކެވެ. އީރާނާއި ސައޫދީ ޖައްސައި ފިތުނަ ކުރުވައިގެން އެއިން ސިޔާސީ އަދި އިގްތިސާދީ ފައިދާ ނަގަމުން ދިޔަކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވެސްވަނީ ކުރެވިފައެވެ.

އީރާނާއި ސައޫދީ ގުޅުންތައް ގާއިމްކުރަން ނިންމި ނިންމުމަކީ އިސްރާއީލާއި އެމެރިކާގެ ލަނޑުދަނޑިތަކަށް އެޅުނު ހުރަހެއް ނަމަވެސް އަދިވެސް ސައޫދީ އާ ގުޅުންތައް ގާއިމްކުރެވޭތޯ މަސައްކަތް ކުރާނެކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އީރާނާއި ސައޫދީ އެއްގަލަކަށް އެރުވުމުގައި ޗައިނާ ކާމިޔާބު ހޯދުމުގެ އިތުރުން އީރާނާއި ސައޫދީ ހިމެނޭގޮތަށް ގަލްފުގެ ހުރިހާ ގައުމުތަކެއްގެ ސަމިޓެއް ބެއިޖިންގައި ބޭއްވުމަށް ޗައިނާ ކުރާ މަސައްކަތްތަކުގެ ސަބަބުން އެމެރިކާއާއި އެމެރިކާގައި ބާރުގަދަ ދައުރެއް އަދާކުރާ ޔަހޫދީ ލޮބީ ޖަމާއަތްތައްވަނީ ވަރަށް ކަންބޮޑުވެފައި ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީން ޒަޔަނިސްޓުންގެ ކޮންޓްރޯލް އޮންނަ ދެ މީޑިއާ ކަމަށްވާ ސީއެންއެން އާއި ބީބީސީން މިޚަބަރުތައް ގެނަސްދީފައެއްވެސް ނުވެއެވެ.