13 Mar 2023, 12:20
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް ހަތަރު ލައްކައެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖެއަށް 399،503 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ނިމިދިޔަ އަހަރަށް ވުރެ 24.4 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިޔާގެ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:
ރަޝިޔާ: 50،356 ފަތުރުވެރިން (މާކެޓުގެ 12.6 ޕަސެންޓު)
- އިންޑިޔާ: 43،582 ފަތުރުވެރިން (މާކެޓުގެ 10.9 ޕަސެންޓު)
- އިނގިރޭސިވިލާތް: 37،391 ފަތުރުވެރިން (މާކެޓުގެ 9.4 ޕަސެންޓު)
- އިޓަލީ: 36،223 ފަތުރުވެރިން (މާކެޓުގެ 9.1 ޕަސެންޓު)
- ޖަރުމަނު: 26،845 ފަތުރުވެރިން (6.7 ޕަސެންޓު)
ކޮވިޑްގެ ކުރިން ރާއްޖޭގެ އެއްވަނަ މާކެޓު، ޗައިނާއިން ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރީ 11،731 ފަތުރުވެރިންނެވެ. އެއީ މާކެޓުގެ 2.9 ޕަސެންޓެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހަދާފައިވާ 172 ރިސޯޓުގެ ތެރެއިން 168 ރިސޯޓެއް އޮޕަރޭޓް ކުރާއިރު، އެއީ އެނދުގެ ނިސްބަތުން ބަލާއިރު 41،945 އެނދެވެ. އަދި 13 ހޮޓެލުން 1640 އެނދު، 883 ގެސްޓް ހައުސް އިިން 14،282 އެނދުގެ އިތުރުން، 152 ސަފާރީއަކުން 2،953 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުން ކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު ރިސޯޓުތަކަކީ ރާއްޖޭގެ މާކެޓުގެ 69 އިންސައްތައެވެ. އަދި 23 އިންސައްތަ ގެސްޓް ހައުސްތަކަށް ވާއިރު، ފަސް އިންސައްތައަކީ ސަފާރީ އުޅަނދުތަކެވެ. ބާކީ ތިން އިންސައްތަ ހިއްސާކުރަނީ ހޮޓަލުތަކެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަދަދަށް ޓޫރިސްޓުން އައިސްފިނަމަ، 1.7 މިލިއަން ޓޫރިސްޓުން އައި 2019 ވަނަ އަހަރުގެ ރެކޯޑު މުގުރާލެވޭނެއެވެ.