18 Apr 2012, 17:50
ދުނިޔޭގެ އިގްތިސޯދަށް ކުރިއެރުންތަކެއް އަންނަ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށާއި ދުނިޔޭގެ އިގްތިސޯދު މިއަހަރު ތެރޭގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.
އައިއެމްއެފުން އެންމެ ފަހުން އާންމު ކުރި މި އަހަރުގެ އިގްތިސޯދީ ކުރިއެރުމުގެ މިންގަނޑު ހުރީ 3.3 ޕަސެންޓްގަ އެވެ. ނަމަވެސް އެ އަދަދު ރިވައިޒްކޮށް އައިއެމްއެފުން އާންމު ކުރި އެ އަދަދު ވަނީ 3.5 ޕަސެންޓަށް މައްޗަށް ޖައްސައިފަ އެވެ. އަދި އިނގިރޭސި ވިލާތުގެ އިގްތިސޯދު ކުރިއަރާނެ މިންވަރު ވަނީ 0.6 ޕަސެންޓުން 0.8 ޕަސެންޓަށް މަތިކޮށްފަ އެވެ.
އައިއެމްއެފުން ބުނީ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވުނީ އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 8.2 ޕަސެންޓް ދަށްވެ އެ ގައުމުގެ އިގްތިސޯދަށް ވެސް ކުރިއެރުންތަކެއް އައުމާ ގުޅިގެން ކަމަށެވެ. ޔޫރޯ ޒޯންގެ ގައުމުތަކުގެ އިގްތިސޯދު 0.5 ޕަސެންޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިހާރު ލަފާކުރަނީ 0.3 ޕަސެންޓް ތިރިވާނެ ކަމަށެވެ.
"ކުރައިސިސް އިން ސަލާމަތްވުމާ އެކު އެމެރިކާގެ އިގްތިސޯދަށް އައި ރަނގަޅު ހަބަރާ އެކު، ކޮންމެވެސް ވަރަކަށް [އިގްތިސޯދަށް] ކުރިއެރުންތައް އަންނަން ފަށައިފި،" އައިއެމްފުން ބުނެފައިވެ އެވެ.
ޗައިނާ އާއި ބްރެޒިލްގެ އިގްތިސޯދު ވެސް 5.7 ޕަސެންޓުން ކުރިއަރާނެ ކަމަށް އައިއެމްފުން ވަނީ ލަފާކޮށްފަ އެވެ. މީގެ ކުރިން ލަފާކޮށްފައި ވަނީ 5.5 ޕަސެންޓް ކުރިއަރާނެ ކަމަށެވެ.
ކުޑަނަމަވެސް އިގްތިސޯދީ ކުރިއެރުމެއް އައިނަމަވެސް ޔޫރޯ ޒޯން އަށް އިތުރު ކްރައިސިސްއެއް އައިސްފާނެ ކަމުގެ ބިރު އަދިވެސް ބޮޑުކަމަށް އައިއެމްއެފުން ބުނެ އެވެ. އެއީ ސްޕެއިން އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހެދި އެވެ. އައިއެމްއެފުން ސްޕެއިންގެ އިގްތިސޯދީ ކުރިއެރުމުގެ މިންގަނޑު މުރާޖައާ ކޮށްފައެއް ވެސް ނުވެ އެވެ. އެ ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދާއި އިންފްލޭޝަން އަދި ދަރަނީގެ މައްސަލަ އަށް އަދިވެސް ހައްލެއް ނާދެ އެވެ.