ޒުވާނުންނާއި ކުޅިވަރާބެހޭ މިނިސްޓަރަށް ލަފާއެރުވުމަށް އޮންނަ ޒުވާނުންގެ ގައުމީ މަޖިލިސް މިއަދު އަލުން އެކުލަވާލައިފި އެވެ.

ޒުވާނުންގެ ގައުމީ މަޖިލީސް އަލުން އެކުލަވާލުމަށްފަހު މިއަދު ހަވީރު ޔޫތް ސެންޓަރުގައި ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކުޅިވަރާ ޒުވާނުންނާއި ބެހޭ ވަޒީރު މުހައްމަދު ހުސެން ޝަރީފް (މުންދު) އެވެ.

މި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ ގަވާއިދަށް ބައެއް ބަދަލުތައް ގެނައުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި މިނިސްޓަރާއި ސިޔާސީ އެއްވެސް ފަރާތަކަށް ބައިވެރިނުވާގޮތައް ގައުމީ މަޖިލީހުގެ ގަވާއިދު އިސްލާހް ގެނައުމަށް މިނިސްޓަރު ވަނީ ހުށަހަޅާފަ އެވެ.

އަދި އެ މަޖިލީހުގެ ޗެއާއަކަށް އިންނަވަންވާނީ އެ މަޖިލީހުން ކަނޑައަޅާ ބޭފުޅެއްގެ ކަމަށް ނިންމަވާ ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭޅަކު ކަނޑައެޅުވުމަށް ގައުމީ މަޖިލީހުން ތިން މެންބަރުންގެ ކުޑަ ކޮމެޓީއެއް މިއަދުގެ ބައްދަލުވުމުގައިވަނީ ހޮވާފަ އެވެ.

ގައުމީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ގައުމީ މަޖިލީހު މިނިސްޓަރު ހިމެނޭއިރު ޗެއާ އާއި ވައިސްޗެއާ އަކަށް އިންނަވާނީ ޔޫތް މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅެކެވެ.

މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވީ ގައުމީ މަޖިލީހުގައި މިނިސްޓަރު ހިމެނިވަޑައިނުގެންނެވި ނަމަވެސް މަޖިލީހަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެގޮތުން ބައްދަލުވުގެ އެޖެންޑާގައި ހިމަނަންޖެހޭ ކަމެއް އޮތް ނަމަ އެކަން ހިމަނުއްވާނެ ކަމަށެވެ.

މި ބައްދަލުވުން ނިންމާލީ ދެން އޮންނަ ބައްދަލުމުގެއްގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މީހަކު ހަމަ ޖެހެންދެން ދެން އޮންނަ ބައްދަލުވުމުގައިވެސް މިނިސްޓަރު ބައިވެރިވަޑައިގަތުމަށް ނިންމެވުމަށް ފަހުގަ އެވެ. އަދި މަޖިލީހުގެ މަސައްކަތައް ކުރުގޮތަކަށް މެންބަރުންނާއި ވަޒީރު ވަނީ ހިއްސާ ކުރައްވާފަ އެވެ.

ތަފާތު 18 ދާއިރާއެއްގެ ބޭފުޅުން މި މަޖިލީހުގައި ހިމެނުއްވުމަށް ނިންމަވާފައިވީ ނަމަވެސް އަދި މި މަޖިލީހަށް އައްޔަން ކުރައްވާފައިވަނީ ތަފާތު ދާއިރާތަކުން 14މެންބަރުން ކަމަށާއި އިތުރު ދާއިރާތަކަށްވެސް ގައުމީ މަޖިލީހުގެ ލަފައާއެކު މެންބަރުން އިތުރުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުންގެ ގައުމީ މަޖިލީހުގެ މެންބަރުންކަން އަންގައިދޭ ރަސްމީ ލިޔުން މިއަދުގެ ބައްދަލުވުމުގައި މެންބަރުންނާއި ވަނީ ހަވާލު ކުރައްވާފަ އެވެ. ޔޫތް މިނިސްޓްރީއަށް ލަފާދިނުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް ވެސް އަލުންވަނީ އެކުލަވާލާފަ އެވެ.