ސައުދީ އަރަބިއާގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯއަށް މިދިޔަ އަހަރު 161.1 ބިލިއަން ޑޮލަރުގެ ރެކޯޑް ފައިދާއެއް ލިބިއްޖެއެވެ.

އަރަމްކޯއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ޖުމްލަ 19.5 ބިލިއަން ޑޮލަރު ބަހާނެއެވެ. އަރަމްކޯގެ 94 ޕަސެންޓް ހިއްސާ އޮންނަނީ ސަރުކާރަށް ކަމުން ހިއްސާގެ ބޮޑު ބައެއް ދާނީ ސަރުކާރަށެވެ.

އެ ކުންފުނީގެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު ލިބުނު ފައިދާއަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 46.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި އެއީ 2019 ވަނަ އަހަރުން އެ ކުންފުނިން ހިއްސާ ވިއްކަން ފެށި ފަހުން ފައިދާ އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރުވެސްމެއެވެ.

އަރަމްކޯއިން ބުނީ ފައިދާ އެހާވަރަށް އިތުރުވި ސަބަބުތަކުގެ ތެރޭގައި، ސާފު ނުކުރާ ތެލުގެ އަގު އުފުލުމާއި ތެޔޮ ވިކުނު މިންވަރާއި ސާފުކޮށްފައިވާ ތެލުގެ ބާވަތްތަކުން ލިބުނު ފައިދާ އިތުރުވުން ހިމެނޭ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ގައުމުތަކުގެ އިގުތިސާދުތައް ކުރިއަރަން ފެށުމުން ތެލުގެ ޑިމާންޑު ބޮޑުވެ އަގުތައް އުފުލެމުން ދަނިކޮށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާއެކު ތެލުގެ އަގު އިތުރަށް ބޮޑުވިއެވެ. އަދި ރަޝިއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން ހުޅަނގުން އެގައުމުގެ ތެލާއި ގޭސް ގަންނަ މިންވަރު މަދުކުރުމުން ތެޔޮ އުފައްދާ އެހެން ގައުމުތަކުގެ ކުންފުނިތަކަށް ވިޔަފާރި އިތުރުވިއެވެ.

އެއާއެކު، އަރަމްކޯގެ އިތުރުން ތެޔޮ އުފައްދާ އެހެން ކުންފުނިތައް ކަމަށްވާ، އެމެރިކާގެ އެކްސޯން މޯބިލް އާއި އިނގިރޭސިވިލާތުގެ ޝެލް ކުންފުނިން ވެސް ވަނީ މިދިޔަ އަހަރު ރެކޯޑް ފައިދާތައް ހޯދާފައެވެ.

ދުނިޔެއިން އެންމެ ގިނައިން ތެޔޮ އުފައްދާ ކުންފުނި ކަމަށްވާ އަރަމްކޯއިން ވަނީ މިދިޔަ އަހަރު ދުވާލަކަށް 11.5 މިލިއަން ފީފާގެ ސާފު ނުކުރާ ތެލާއި އެހެނިހެން ބާވަތްތަކުގެ ތެޔޮ އުފައްދާފައެވެ.

ތެލުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި، ތެޔޮ އުފައްދާ ގިނަ ކުންފުނިތަކުން ތެލަށް އިންވެސްޓް ކުރާ މިންވަރު މަދު ކުރި ނަމަވެސް އަރަމްކޯއަކީ ތެޔޮ އުފައްދަން އިންވެސްޓް ކުރާ މިންވަރު އިތުރުކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ކެޕިޓަލް އެކްސްޕެންޑިޗާ މިދިޔަ އަހަރު 37.6 ބިލިއަން ޑޮލަރަށް އެރި އިރު އެއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 18 ޕަސެންޓުގެ އިތުރުވުމެކެވެ. އެ ކުންފުނިން ލަފާކުރަނީ މިއަހަރު އެ އަދަދު 45 ބިލިއަނާއި 55 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށެވެ.