މިހާރު ގާނޫނު އަސާސީ އޮތް ގޮތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށާއި ގާނޫނަށް އެ ބަދަލު ގެނައުމުގެ ވިސްނުމެއް ވެސް އިލެކްޝަންސް ކޮމިޝަނުގެ ނެތް ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލް ކުރުމަށް، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ގެންދަނީ ޑިޖިޓަލް އައިޑީކާޑު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ލައިންސަސާ އެ ނޫން ވެސް މުހިއްމު ލިޔެކިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ގާނޫނު އޮތް ގޮތުން އިންތިޚާބުތަކުގައި ވޯޓުލާން ޑިޖިޓަލް ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ހަބީބު މިއަދު 'ސަން'އަށް ވިދާޅުވީ ޑިޖިޓަލް އައިޑީކާޑު ފޯނުގައި އޮންނައިރު، ވޯޓުލާ މަރުކަޒުތަކަށް ފޯނު ވެއްދުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންވެ، ގާނޫނަށް ބަދަލު ނުގެންނަނީސް ވޯޓުލާން ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ނުކުރާ އާ ކަމެއް ފައްޓާއިރު އަޅުގަނޑުމެން ބޭނުން ވާނެ އެ ކަމަށް ވަރަށް މީހުން ހޭލުންތެރި ކުރުވަން ވަގުތު." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އާ ކަމެއް ކުރަން ބޭނުންނުވާ ކަމަށާއި އެ ފަދަ ކަމެއް ކުރާއިރު ވަރަށް ގިނަ ވަގުތު ބޭނުން ވާނެ ކަމަށެވެ. ހާއްސަކޮށް، އާންމުން ހޭލުންތެރި ކުރުވަން ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭނެކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އީސީން އިސްވެ، ގާނޫނަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެން އިސްވެ، ގާނޫނަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް. އެހެންނަމަވެސް ގާނޫނަށް ބަދަލު ގެނެސްފި ނަމަ އަޅުގަނޑުމެން ގާނޫނުގައި އޮންނަ ގޮތަކަށް ކުރިއަށް ގެންދާނަން." އޭނާ ވިދާޅުވިއެވެ.

ޑިޖިޓަލް ކާޑު ގެންގުޅޭ މީހުން މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ބޭނުން ނަމަ، މުއްދަތު ހަމަނުވާ ޑިޖިޓަލް ނޫން ލިޔެކިޔުމެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޕާސްޕޯޓު ފަދަ ލިޔެކިޔުންތަކުގެ މުއްދަތު ހަމަނުވާކަން ޔަގީން ކުރުމަށް އޭނާ އެދިލެއްވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

ވޯޓްލާން ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ލައިސެންސް ކާޑު ފަދަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ރަސްމީ ލިޔެކިޔުންތަކެވެ.