ހުރަވީ ބިލްޑިންގްގައި ހުރި ސިޓީ ކައުންސިލްގެ ތަންތަން ހުސްކުރުމަށް ފަހު އެ އިމާރާތް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު އެމިނިސްޓްރީން ނޯޓިސް ފޮނުވައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ހުރަވީ ބިލްޑިންގައި ހިންގަމުން އަންނަ އެކައުންސިލްގެ ޓްރޭޑް ސެކްޝަނާއި ހެލްތު ސެކްޝަނާއި އާބާދީ އާ ބެހޭ ސެކްޝަނާއި ބިމާ ބެހޭ ސެކްޝަން ހުސްކުރުމަށް ފަހު، މާދަމާ މެންދުރު 3:00 ގެ ކުރިން އެތަން މިނިސްޓްރީއާ ހަވާލުކުރުމަށް އަންގައި ނޯޓިސްއެއް އެކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.

ރުކުމާ ވިދާޅުވީ މިވަގުތު ކުއްލިއަކަށް އެތަންތަން ހުސްކުރަން ޖެހިއްޖެ ނަމަ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކެއް ހުއްޓުމަކަށް އަތުވެދާނެ ކަމަށާއި މާދަމާ އެ އިމާރާތް ހުސްކޮށް ހަވާލުކުރުމުގެ ވިސްނުމެއް އަދި ނެތް ނަމަވެސް އެކަމާ ބެހޭ ގޮތުން ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ހައުސިން މިނިސްޓްރީން އެއިމާރާތް ހުސްކުރަނީ ކޮން ބޭނުމެއްގައި ކަމެއް އަދި ވަނީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުގެ ފޯނަށް ޖަވާބު ނުދެއްވާތީ ސާފުވާގޮތް ނުވަފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން އެ އިމާރާތް ހުސްކުރުމަށް އަންގާފައި ވަނީ ރައީސް އޮފީހުގެ އެދުމުގެ މަތިން އަލަށް އެކުލަވާލާ ދެ މިނިސްޓްރީއެއްގެ މަސައްކަތް އެ އިމާރާތަށް ބަދަލުކުރުމަށެވެ.