12 Mar 2023, 12:47
ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމަށް، ފަސް ކުންފުންޏަކާ އެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ސޮލަރެލް އިންޝުއަރެންސް ކުންފުނިންނެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ދީޕްތަ ދިއަސްއެވެ.
މި ޚިދުމަތުގެ މީޑިއާ ޕާޓުނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ 'ސަން ސިޔާމް މީޑިއާ'ގެ އެސްއެސްޓީވީންނެވެ. އެސްއެސްޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީނެވެ.
ފުލުހުންގެ ކޮމިއުނިޓީ އެންގޭޖްމަންޓު ޕްރޮގްރާމްގެ އެސޯސިއޭޓް ސްޕޮންސަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ސިމްޑީ ކޮމްޕެނީއާއި އައިކެއާ އޮޕްޓިކަލްސް އަދި އެންލައިޓަން އަ މައިންޑްފުލް ކޮމިއުނިޓީ ޖަމިއްޔާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު 'ސަން'އާ ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މުޅި ރާއްޖޭގައި ކުށް މަދު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށެވެ.
"މި ޕާޓްނަރުންނާ އެކީގައި އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގިންޖެއްޔާ އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ." އޭނާ ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އެއް އަމާޒަކީ މުޅި ރާއްޖޭގައި ވެސް ކޮމިއުނިޓީ އެމްޕަވާމަންޓު ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެ މަގުސަދުގެ ދަށުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ޕާޓްނަރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅިގެން ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު މުހައްމަދު މުއައްޒިން ވިދާޅުވީ އެ ކުންފުންޏަކީ އަބަދު ވެސް ކޮމިއުނިޓީ އެމްޕަވާމަންޓުގެ މަސައްކަތްތަކަށް ތަރުޚީބު ދޭ ކުންފުންޏެއް ކަމަށާއި މި ފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިއުމަކީ ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް ކަމަށެވެ.
"ވަރަށް އުފާވޭ ސަޕޯޓު ދެވޭތީ، ގޯލްޑް ޕާޓުނަރެއްގެ ގޮތުގައި. ކުރިއަށް އޮތް ތަނުގައި އަބަދު ވެސް އަޅުގަނޑުމެންގެ ސަޕޯޓު ލިބޭނެ، ހާއްސަކޮށް މުޖުތަމައު އެވެއާ ކުރުމުގެ ޕްރޮގްރާމްތަކަށް." މުއައްޒިން ވިދާޅުވިއެވެ.
އެއްބަސްވުމާ ގުޅިގެން އައިކެއާގެ މާކެޓިން އެންޑް ބިޒްނަސް ޑިވޮލޮޕްމަންޓް އޮފިސަރު އަޒްމާ އަބްދުލް ފައްތާހު ވަނީ ފުލުހުންގެ ފަރާތުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް އުފާކުރައްވައި ކަމަށާއި މީގެ ކުރިން ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަމެއް ދިމާވުމުގެ ކުރިން ކަންކަން ހައްލު ކުރުމަށް ފުލުހުންގެ އިދާރާއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
"މި ކަހަލަ ޕްރޮގްރާމެއް، ފިއުޗާ ޖެނެރާޝަންސްއަށް ވިސްނާފައި ކުރުމަކީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް. އަޅުގަނޑުމެން ވެސް ބޭނުންވީ މިއަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދީފައި، ބައިވެރިވެލަން." އަޒްމާ ވިދާޅުވިއެވެ.
އޭނާ ވަނީ މި ފުރުސަތު ދެއްވި ކަމަށްޓަކައި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. މިގޮތުން މި އެއްބަސްވުމާ އެކު ކުރިއަށް ހުރި އިތުރު ކަންކަމުގައި ވެސް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިމްޑީގެ ފަރާތުން މި އެއްބަސްވުމާ ގުޅިގެން ވާހަކަދައްކަވަމުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު އިބްރާހިމް ހަމީޝް ވަނީ ފުލުހުންގެ ފަރާތުން ކޮމިއުނިޓީ އެމްޕަވާމަންޓަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ފަދަ ފުރުސަތެއް ލިބުމަކީ އެ ކުންފުނިން ވަރަށް އުފާ ކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ [ސިމްޑީ ގުރޫޕުގެ] ފަރާތުން ސިމްޑީގެ ބައެއް ބްރޭންޑްތަކުގެ ޕްރޮޑަކްޓްސްތައް، މި ޕާޓްނާޝިޕްގެ ދަށުން ދޭ ގޮތަށް ހަމަޖެހިފައި މި ވަނީ. އެހެންވީމަ މި ފުރުސަތުގައި އަޅުގަނޑު އަދި ވެސް އެއްފަހަރު ދިވެހި ފުލުހުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ޕާޓްނަރެއްގެ ގޮތުގައި ދެން ސޮއިކޮށްފައިވަނީ އެންލައިޓަން އަ މައިންޑްފުލް ކޮމިއުނިޓީގެ ކޯ ފައުންޑިން ޕްރެސިޑަންޓް އައިމިނަތު ރީމާއެވެ. ފުލުހުންނާ އެކު ސޮއިކުރެވުނު އެއްބަސްވުމާ އެކު މިއަދަކީ ވަރަށް އުންމީދީ ދުވަހެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން މާލެއާއި އަތޮޅު ތެރޭގައި ވެސް ބައިވަރު ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މައިގަނޑު ގޮތެއްގައި ބަދަހި މުޖުތަމައެއް ބިނާ ކުރުމަށް، ޒިންމާދާރު ޒުވާނުން ބިނާ ކުރުމަށް، މި ކަހަލަ ކަންތައްތަކަކަށް އިސްކަން ދީގެން އެމްޔޫއޯ އެއްގައި ސޮއި ކުރެވުނީ." ރީމާ ވިދާޅުވިއެވެ.
ފުލުހުންގެ ފަރާތުން ފަސް ކުންފުންޏާ އެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މާލެއާއި މުޅި ރާއްޖޭގައި ވެސް ހޭލުންތެރިކަމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު، މި ޕްރޮގްރާމްތަކުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމުގައި ބައިވެރިވާނީ 'ސަން ސިޔާމް މީޑިއާ'އިންނެވެ.