ދިރިއުޅުމުގައި ކަންތައްތައް ހިނގާފައި ހުރި ގޮތުން ބައެއް ފަހަރު އަމިއްލައަށް މަރުވުމުގެ ޚިޔާލު އައި ކަމަށާއި ނަމަވެސް މިހާރު އެކަމުން އަރައިގަނެވިފައިވާ ކަމަށް އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ބުނެފިއެވެ.

އިންޑިއާގެ ޓީވީ ޗެނަލް އާޖުތަކްގެ ޝޯ "ސީދީ ބާތް"އަށް ދިން ޚާއްޞަ އިންޓަވިއުގައި ކަޕިލް ބުނެފައިވަނީ، ދިރިއުޅުމުގައި އައި ނާޒުކު ހާލަތްތަކުގައި އަމިއްލައަށް މަރުވުމުގެ ޚިޔާލުއައި ކަމަށާއި، ކައިރީގައި އުޅޭ އެއްވެސް މީހަކީ ގާތް މީހެއް ނޫން ކަމަށް އެ ވަގުތުތަކުގައި އިހުސާސު ކުރެވުނު ކަމަށެވެ. އަދި އެ މީހުންނަކީ ލޯތްބާއި އަޅާލުން ދެވޭނެ މީހުން ނޫންކަމަށް ގަބޫލު ކުރެވުނު ކަމަށް ވެސް ކަޕިލް ބުންޏެވެ.

"އެފަދަ ދަނޑިވަޅުތަކުގައި ފިލްމީ ފަންނާނުންނާއެކު ގުޅުން ބާއްވާ މީހުންގެ ހިތުގައި އޮންނަ އެއްޗެއް ގިނަފަހަރަށް ނުވެސް ވިސްނޭ. ސަބަބަކީ ބައެއްމީހުން ގިނަފަހަރަށް ފިލްމީ ފަންނާނުންނާ ގުޅުން ބާއްވާނީ ކޮންމެވެސް އަމިއްލަ އެދުމަކާއެކު ކަމަށްވާތީ،" ކަޕިލް ބުންޏެވެ.

މި އިންޓަވިއުގައި ކަޕިލް ބުނެފައިވަނީ، މިއީ ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް އައިސްދާނެ ދަނޑިވަޅެއް ކަމަށާއި އެފަދަ ޚިޔާލުތަކުން ދުރުވުމަށް އިތުބާރުކުރެވޭ މީހަކާ ވާހަކަ ދައްކާލާ ޚިޔާލުތައް ހިއްސާކުރުން ވަރަށް މުހިންމު ކަމަށެވެ.

ކަޕިލް އެދިފައި ވަނީ އެފަދަ ކަމެއް ނުވަތަ ޚިޔާލެއް ތަޖުރިބާކުރާ ފަރާތްތަކުން ކެތްތެރިކަން އިސްކުރުމަށެވެ. އިސާހިތަކު އެ ސޮފުހާ ވެސް ނިމުމަކަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ކަޕިލްގެ މި ތަޖުރިބާއަކީ ކައިވެނީގެ ވެސް ކުރިން ކުރެވުނު ތަޖުރިބާއެއްކަމަށާއި މިހާރު ދިރިއުޅުން ވަރަށް އުފާވެރިކަމަށް އޭނާ ވަނީ ބުނެފައެވެ. ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު އޭރުކުރި ތަޖުރިބާއިން ވަރަށް ރަނގަޅު ފިލާވަޅުތަކެއް ދަސްވިކަމަށް ކަޕިލް ބުނެފައިވެއެވެ.

އިންޑިއާގެ އިތުރުން ބޭރު ގައުމުތަކުގެ ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކަޕިލްގެ "ދަ ކަޕިލް ޝަރްމާ ޝޯވް"އަކީ މިހާތަނަށް އިންޑިއާގައި އުފެދުނު އެންމެ މަގުބޫލު ކޮމެޑީ ޝޯއެވެ. މުނިފޫހިފިލުވައިދިނުމުގެ ސެގްމެންޓްތަކާއެކު ގެނެސްދޭ މިޝޯއަކީ ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެނެސްދީފައިވާ ޝޯއެކެވެ.

ކަޕިލްއަށް ތަޢުރީފުކުރާ ގިނަ ބަޔަކު ބުނެފައިވަނީ މާޔޫސްވާ ދަނޑިވަޅުތަކުގައި ކަޕިލްގެ ޝޯ ބަލާލުމުން ހިތުގައި އުފެދޭ އުދާސްތަކުން ދުރުވުމަށް އެހީތެރިވެދޭކަމުގައެވެ. މިހާތަނަށް ކަޕިލްވަނީ ދެ ކޮމެޑީ ފިލްމުގައި މަސައްކަތްކޮށްފައެވެ. އެއީ 2015ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫން" އާއި 2017ވަނަ އަހަރު ރިލީޒްކުރި ފިލްމު "ފިރަންގީ"އެވެ.

ކަޕިލް މިހާރު ކުރަނީ، ރިލީޒްކުރުމުގެ މަރުހަލާގައިއޮތް ފިލްމު "ޒްވިގާޓޯ"ގެ ޕްރޮމޯޝަނަލް މަސައްކަތެވެ. މިމަހުގެ 17ގައި ރިލީޒްކުރާ މިފިލްމަކީ، ނަންދީތާ ދާސް ޑައިރެކްޓްކުރާ ފިލްމެކެވެ.