ލ.ކައްދޫއަށް މިއަދު ހެނދުނު ފުރަން ހަމަ ޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ފްލައިޓް ފުރުން ވަރަށް ބޮޑަށް ލަސްވެއްޖެއެވެ.

އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހެނދުނު ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މައްސަލައެއް އުޅޭކަން އެ ފްލައިޓުގެ ޕައިލެޓަށް ފާހަގަ ވުމުން، އަނބުރާ އެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއެވެ.

މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގް މީޑިއާ އޮފިޝަލް ވިދާޅުވީ ޓެކްނިކަލް މައްސަލެއް ފާހަގަވެ އެ ފްލައިޓު އަނބުރާ ޖެއްސި ނަމަވެސް، އެ ކުންފުނީގެ އިންޖިނިއަރުން ބެލި ބެލުމުން މާ ބޮޑު މައްސަލައެއް ފާހަގަ ވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ފުލް ޗެކްއަޕެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އެ ފްލައިޓު ދެން ކައްދޫއަށް ދިއުމަށް ފުރާނީ މެންދުރު އެކެއް ޖަހާކަންހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އިންޖީނިއަރިން އިން ޗެކްއަޕްއެއްގެ މަސައްކަތް ދަނީ ކުރަމުން. އެކަން ނިމޭނެ ކަމަށް މި ބެލެވެނީ އެކެއްގެ ކުރިން. އެހާއިރު ފުރޭނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.

ޑޭޝް މަރުކާގެ ބޯޓްތައް ކުރިން ބޭނުން ކުރަމުން ދިޔަ މޯލްޑިވިއަން އިން ދާދި ފަހުން އޭޓީއާރު-72 މަރުކާގެ ދެ ބޯޓު ވަނީ އެ ކުންފުނީގެ ފްލީޓަށް އިތުރުކޮށްފައެވެ.