ބޭންކޮކް (12 މާޗް 2023): ތައިލެންޑުގެ ވެރިރަށް ބޭންކޮކްގައި އާދަޔާ ޚިލާފަށް ވައި ތަޣައްޔަރުވެ, އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ބަލިވާން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބޭންކޮކްގައި އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށްވަނީ ވައި ތަޣައްޔަރުވެފައެވެ. މިކަމުގެ ސަބަބުން ފާއިތުވި ހަފުތާގައި ދެލައްކައަށްވުރެ ގިނަ މީހުންނަށް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ހޮސްޕިޓަލްތަކުގައި ފަރުވާދީފައެވެ. އޭގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ލޯ ހިރުވުމާއި އެލާޖިކްވުން ފަދަ މައްސަލަތައް ދިމާވުމުން ފަރުވާ ހޯދި މީހުން ހިމެނެއެވެ.

ތައިލެންޑުގެ ސިއްހަތާބެހޭ ވުޒާރާއިން މިހާރު ވަނީ، ނޭވާލުމުގެ ނިޒާމުގެ މައްސަލަތަކާއި ކިޑްނީ ބަލީގެ މީހުންނާއި އެކިއެކި އެލާޖީތަކަށް ފަރުވާ ހޯދާ މީހުން ބޭރަށް ނުކުމެ ނޫޅުމަށް ލަފާދީފައެވެ.

މީގެ އިތުރުން، ކުޑަކުދިންނާއި މާބަނޑު މީހުން ވެސް ބޭރަށް ނުކުމެ ނޫޅުމަށާއި އެނޫން މީހުން ވެސް ބޭރަށް ނުކުމެ އުޅޭއިރު "އެން95" ފަދަ ފެންވަރު ރަނގަޅު މާސްކެއް އެޅުމަށް ވަނީ ލަފާދީފައެވެ. އަދި އޮފީސްތަކުގައި މަސައްކަތްކުރާ މީހުންވެސް ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ތައިލެންޑުގެ ސަރުކާރުން ވަނީ ލަފާދީފައެވެ.

ބޭންކޮކްއަކީ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބޮޑު ސިޓީއެކެވެ. އަދި އެއީ ދުނިޔޭގެ އެކި ގައުމުތަކުގެ ވިޔަފާރިވެރިންނާއި ފަތުރުވެރިން ވެސް ވަރަށް ގިނައިން ޒިޔާރަތްކުރާ ސިޓީއެކެވެ.

ބޭންކޮކްގައި މިދިޔަ ޖެނުއަރީ މަހު ވެސް އާދަޔާ ޚިލާފަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވިއެވެ. އެ ދުވަސްވަރު ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް މިފަދަ އިލްތިމާސްތައް ކޮށްފައެވެ.

ތައިލެންޑްގެ ސަރުކާރުން ދަނީ ބޭންކޮކްގައި އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާތީ އެމައްސަލަ ހައްލުކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. އެގޮތުން ބޭންކޮކްގެ އެކި ސަރަހައްދުތަކުގައި ނާސަރީތައް ގާއިމްކޮށް، ހިރަފުހާއި ދުމުން ސަލާމަތްވެވޭނެ ގޮތަށް ވައި ސާފުކުރާ އެއާ ޕިޔުރިފައި މެޝިންތައް އެ ނާސަރީތަކުގައި ވަނީ ބަހައްޓާފައެވެ.

ތައިލެންޑްގެ ބޮޑެތި ސިޓީތަކަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވެފައިވާ ސިޓީތައް ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ. އެއީ ތަފާތު އުޅަނދުތަކުންނާއި ކާރުޚާނާތަކުންނާއި، ދަނޑުބިންތަކުގައި ރޯކުރާ އަލިފާންގަނޑުތަކުން އަރާ ދުމުގެ ސަބަބުން ކަމަށް ތައިލެންޑުގެ ސަރުކާރުން ބުނެއެވެ.