19:00


ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ މެމްބަރުންނަށާއި އަމިއްލަ މެންބަރުންނަށް، ވަކި ވަގުތުތަކެއް ކަނޑައަޅައި ފުރުސަތުދޭގޮތަށް ހިމަނައި އިއްޔެ ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަށް އިސްލަހާއެކު މި ގަވާއިދު ފާސްކުރީ  ޖަލްސާ އަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި 16 މެމްބަރުންގެ ތެރެއިން 95 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.


މިގަވާއިދުގައި ސިޔާސީ ޕާޓީތަކަށް ބޮޑެތި ފުރުސަތުތަކެއް ދީފައިވާއިރު، މަޖިލީހުގައި ބަހުސް ކުރުމުގެ ވަގުތު ރާވާލާފައި ވަނީ، މަޖިލީހުގައި ވާ ކޮންމެ މައްސަލައެއްގައި ވެސް އެކި ސިޔާސީ ޕާޓީތަކުގެ ވިސްނުން ހުރި ގޮތް ބަޔާންކޮށްދިނުމަށް އެކި ޕާޓީތަކަށް ވަގުތު ކަނޑައެޅޭ ގޮތެއްގެ މަތިން ކަމަށް ބަޔާންކޮށް ހާއްސަ ޗެޕްޓަރެއް ވެސް މި ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި އެކި މައްސަލަތަކުގައި ޕާޓީތަކުން ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދު ކަނޑައެޅުމާއި، މައްސަލަތަކުގައި ޕާޓީތަކުން ވާހަކަ ދައްކާނެ މެމްބަރުންނަކީ ކޮބައިކަން ކަނޑައެޅުމާއި މަޖިލީހުގެ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާނެ ނިސްބަތެއް ކަނޑައެޅުމަކީ، މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދައުރެއް ކަމަށް ވެސް މި ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.


މީގެ އިތުރުން ޕާޓީއެއްގައި ހިމެނެނީ މަޖިލީހަށް ނިސްބަތްވާ ފަސް މެމްބަރުންނަށް ގިނަ ބޭފުޅުން ނަމަ އެ ޕާޓީއެއްގެ ޕާލަމެންޓްރީ ލީޑަރުގެ ދަށުން މަސައްކަތް ކުރާނެ ޕާޓީ ވިޕުން ގަވާއިދުގައިވާ ގޮތުން ކަނޑައަޅަން ޖެހެ އެވެ. އެގޮތުން ވިޕުން ކަނޑައަޅާނީ، ކޮންމެ 10 މެމްބަރަކަށް ވިޕެއް ހުންނާނެ ގޮތަށް ކަމަށް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ. މި ގަވާއިދުގައި ބުނާގޮތުން މަޖިލީހަށް ބަލައިގެންފައިވާ ބިލެއް އަނބުރާ ގެންދިއުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އަދި ގަވާއިދުގެ ދަށުން ބިލެއް މަޖިލީހުން ފާސްނުވެއްޖެ ނަމަ ނުވަތަ ކޮމެޓީ އަށް ފޮނުވުމުން ވެސް ފާސްނުވެއްޖެ ނަމަ، އެ ބިލެއް އެ ހިސާބުން ބާތިލުވާނެ އެވެ. އަދި ހިނގަމުންދާ ދައުރު ނިމުމުން، ބާތިލުވި ބިލް ފަދަ ބިލެއް ހުށަހަޅަން ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައިވެ އެވެ. މި ގަވާއިދުގައި ވަޒީރުންނާ ސުވާލު ކުރުމަށް އޮންނަ އުސޫލުތައް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އަދި މަޖިލީހުން ނިންމާ ކަންތައްތަކަށް ވޯޓަށް އަހަން ވަކި ވަގުތެއް ކަނޑައަޅައި އެވަގުތަކީ ހަމައެކަނި ވޯޓަށް އަހާ ވަގުތުގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ. މި ގަވާއިދުގައިވާގޮތުން ހުސްވަގުތު ތަކާއެކު ހެނދުނު ނުވަޔަކުން ފެށިގެން ދެގަޑި ބައިގެ ނިޔަލަށް މަޖިލީހުގެ އާއްމު ޖަލްސާތައް ކުރިއަށްދާނެ އެވެ.


މި ގަވާއިދަށް މެންބަރުން ހުށަހެޅުއްވި އިސްލާހް ތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށާއި، އުއްތަމަ ފަނޑިއާރާއި ބައެއް އިސްމަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގައި މަޖިލީހުންނަގާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަނޑައެޅުން ހިމެނުނު ނަމަވެސް އެގޮތަށް އެއްވެސް އިއްލާހެއް ފާހެއްނުވި އެވެ.


މރައްޔިތުންގެ މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދަކީ، ކުރިން އަމަލުކުރަމުން އައި ގާނޫނު އަސާސީ އަށް ފެތޭ ގޮތަށް ކުރިން 2006 ވަނަ އަހަރުގެ ޖޫން މަހުގެ އެކަކުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދެކެވެ. އެގަވާއިދު ބަދަލުކޮށްފައިވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީއާ އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ބައްޓަން ކުރުމަށާއި، މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށް ބަލައި، ދިގު މުއްދަތުގެ މަސައްކަތްތަކަކަށްފަހު އެވެ.