އޮޑިޓް ރިޕޯޓްތަކުގައި ހުންނަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނާ ހަވާލުކުރަން ފުލުހުންނާއި އޮޑިޓް އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފަ އެވެ.

މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ އެމްއޯޔޫގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ. އަދި އޮޑިޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެވެ.

އެމްއޯޔޫގެ ދަށުން މައުލޫމާތާއި ވަޞީލަތްތައް ހިއްސާ ކުރުމާއި ޓްރެއިނިންގް ޕްރޮގްރާމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އޮޑިޓް އޮފީހުން ބަލާ މައްސަލަތަކުގެ އޮޑިޓް ރިޕޯޓް ހިއްސާ ކުރުމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓް ތަކުގައި ހުންނަ ޖިނާޢީ މައްސަލަތައް ފުލުހުންނަށް ހުށަހަޅަން ވަނީ އެއްބަސްވެފަ އެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ޖިނާޢީ މައްސަލަތައް ފުލުހުންނަށް ހުށަހަޅަން ނިންމެވީ އެފަދަ މައްސަލަތައް އެންމެ ފުރިހަމަ ގޮތުގައި ތަހުގީގު ކޮށް ފިޔަވަޅު އެޅޭނީ ފުލުހުންނަށް ކަމަށްވާތީ ކަމަށެވެ.

"އެއްބަސްވުމާ އެކު ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ހަލުވިވެ ތަހުގީގު އަވަސްވެގެންދާނެކަމަށް ޤަބޫލުކުރެވޭ،" ނިޔާޒް ވިދާޅުވި އެވެ.

ކޮމިޝަނާ ރިޔާޒް ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރައްވާ އެ މައްސަލަތައް އަވަހަށް ޝަރީއަތައް ފޮނުއްވާނެ ކަމަށެވެ.

""އެ މައްސަލަ ތަކުގައި ހިމެނޭ މީހުން ހައްޔަރުކޮށް އަދަބު ދިނުމަށް ފުލުހުންނަށް ލެވެން އޮތް ބާރެއް އަޅުގަނޑުމެން ލާނަން. އަދި އެ ފަދަ މައްސަލަތައް އަވަސްވެސް ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.