މަތީ ތައުލީމް އުނގެނުމަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް އެދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހަމަވާނެއެވެ.

މި ފަހަރުގެ ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން ޖުމްލަ 720 ފުރުސަތު ހުޅުވާލާފައިވެއެވެ. މިނިސްޓްރީން ބުނީ މި އަހަރުގެ ލޯން ސްކީމް ހުޅުވާލާފައިވަނީ ފާއިތުވި އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކުން ކަމަށެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި ފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެ މީހެއްގެ ޓިއުޝަން ފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުސަތު ވެސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ އެންމެ ފަހު ގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހުގެ 13:30 އެވެ. ލޯނަށް އެދި ހުށަހަޅަން ޖެހޭނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

މި އަހަރުގެ ލޯން ސްކީމްގައި ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ މީހުންނަށް 60 ފުރުސަތާއި، ޑިގްރީ ފެންވަރަށް އެމްބީބީއެސް ހެދުމަށް ރާއްޖެއިން ބޭރުން 55 ފުރުސަތު، މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް ރާއްޖެއިން ބޭރުން 20 ފުރުސަތު ހުޅުވާލާފައިވެއެވެ.

މީގެއިތުރުން، ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޫކުރުމަށް ވެސް ހިމަނާފައިވެއެވެ. އަދި ކޮލެޖު ޔުނިވާސިޓީ އާއި ޕޮލިޓެކްނިކްގައި ކިޔަވައިދޭނެ ލެކްޗަރާއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވެލްގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން މަތީ ތައުލީމް ހާސިލް ކުރުމަށް ކޮންމެ ގައުމަކަށް ވެސް ދިއުމުގެ ފުރުސަތު ހުޅުވާލާފައި ވީނަމަވެސް ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ހަމައެކަނި މިނިސްޓްރީން އިއުލާން ކޮށްފައިވާ ގައުމުތަކަށެވެ. އެ ނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށް މިނިސްޓްރީން ބުނެއެވެ.