ރޯދަ މަހަށް ހާއްސަކޮށް، ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީ އިން ކުރިއަށްގެންދާ 'ފެމިލީ ކުކިން ޝޯ' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ޕްރޮޑިއުސަރު ޝަމްރާ ޝަމީމް (ކުޑޫ) ވިދާޅުވީ މި ޝޯއަކީ ރޯދަމަހު އާއިލާތަކުގެ ތެރޭގައި އޮންނަ ކެއްކުމުގެ ފޯރިއާ މަޖާ ޝޯއެއްގެ ސިފާގައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ވަރަށް ޚާއްސަ ޝޯއެއް ކަމަށެވެ.

ކުޑޫ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ދާނީ، ޝޯގައި ބައިވެރިވާ އާއިލާތަކުގެ މެދުގައި ބާއްވާ ވާދަވެރި މުބާރާތެއްގެ ގޮތުގައި ކަމަށެވެ.

މުބާރާތެއް ގޮތަށް ކުރިއަށް ގެންދާ މި ޝޯގައި ޖަޖުކަން ކުރުމަށް ހަމަޖެހިފައިވަނީ ޝެފް މޫމީތް އާއި ޝެފް ނަހީޒްއެވެ.

"ކުޑޫ އުންމީދުކުރަނީ ރޯދަމަހު އާއިލާތަކުގެ މެދުގައި އޮންނަ ފޯރި ބެލުންތެރިންނާ ހަމައަށް ވަރަށް ފުރިހަމައަށް ގެނެސްދެވިގެން ދާނެ ކަމަށް." ކުޑޫ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ބައިވެރިވާން ބޭނުންވާ އާއިލާތަކަށް ބައިވެރިވެނޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާނެ ގޮތަކީ FCS space (team name) 2747 އެސްއެމްއެސް ކޮށްލައިގެންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެއްވަނަ ލިބޭ އާއިލާއަކަށް 10،000ރ. ގެ ފައިސާގެ އިނާމް ލިބޭނެއެވެ.

"ޕްރޮގްރާމްގައި ބައިވެރިވުމުގައި މާބޮޑު ގައިޑްލައިންތަކެއް ނެތްނަމަވެސް، ބައިވެރިވާ ޓީމްތަކުގައި ތިބޭ މެންބަރުންނަކީ އެންމެ ދުރުވެގެންވެސް ދެބެންގެ ދެދަރި މީހުންނަށް ވާން ޖެހޭނި. ދެން ތިން މެންބަރުންގެ ޓީމެއް ކަނޑައަޅާފަ އެސްއެމްއެސް ކޮށްލީމަ މިކޮޅުން އިތުރު މައުލޫމަތުތައް ކިޔާލާނަން." ކުޑޫ ވިދާޅުވިއެވެ.

މި ޕްރޮގްރާމްއަށް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މިވަނީ އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.