12 Mar 2023, 09:08
މިއަހަރުގެ ޖެނުއަރީ 25ގައި ރިލީޒްކުރި ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" ޑިޖިޓަލް ޕްލެޓްފޯމްއަށް ދޫކޮށްލަން ނިންމާފައިވާކަމަށް ޑައިރެކްޓަރު ސިދާތް އާނަންދު ބުނެފިއެވެ.
އެ ފިލްމަކީ މިފަހުން ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތައް މުގުރާލާފައިވާ މިފިލްމު ޑިޖިޓަލީ ސްޓްރީމްކުރާއިރު އަސްލު ފިލްމުން ކަނޑާލި ސީންތަކާއެކު ސްޓްރީމްކުރުމުގެ ފުރުޞަތު ބޮޑުކަމަށް ސިދާތު ވަނީ ބުނެފައެވެ. އަދި މިއީ ފިލްމުގެ މައި ކެރެކްޓާ ޝާހްރުކް ޚާން ކުޅޭ ސީންތަކެއް ކަމުގެ އިޝާރާތެއް ސިދާތު ވަނީ ދީފައެވެ.
މިއީ ފިލްމުގެ ޕްރޮޑަކްޝަން ޓީމްގައި ހިމެނޭ އައްބާސް، ސްރީދަރް އަދި އަދިތްޔަ ޗޯޕްރާއާ މަޝްވަރާކުރުމަށްފަހު އޮރިޖިނަލް ފިލްމުން އުނިކުރަން ނިންމި ސީންތައްކަމަށްވެސް ސިދާތުވަނީ ބުނެފައެވެ. އެހެންނަމަވެސް މިސީންއާގުޅޭ ތަފްސީލު ސިދާތު ހިއްސާކޮށްފައެއް ނުވެއެވެ.
ތިއޭޓަރުގައި ފިލްމު ބެލި މީހުންނާއެކު ފިލްމު ބެލުމުގެ ފުރުޞަތު މިހާތަނަށް ލިބިފައިނެތް މީހުން ގޭގައި ތިބެ "ޕަތާން" ބަލާނީ އިތުރު 'ސަޕްރައިޒް'އަކާއެކުކަމަށް ސިދާތު ވަނީ ބުނެފައެވެ.
މީގެ ޙަޤީޤަތް އެނގޭނީ ފިލްމު ސްޓްރީމްކުރުމަށް ނިންމާފައިވާ ތާރީޚު އޭޕްރިލް 25ގައެވެ. އެ ފިލްމަށް ލިބިފައިވާ ކާމިޔާބީއަށް ބަލާއިރު، މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެތެރެއިން ފުރަތަމަ ދުވަހު ސަތޭކަ ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަކީ މިއީއެވެ. އެއީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ފިލްމު ދައްކައިގެން ލިބުނު އާމްދަނީއާވެސް އެކުގައެވެ. ބޭރު ޤައުމުތަކާއެކު އިންޑިއާގައި ފިލްމު ދައްކައިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފިލްމަށް ވަނީ 49 މިލިއަން ޔޫއެސް ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
ޝާހްރުކް ޚާން، ޖޯން އަބްރަހަމް އަދި ދިޕިކާ ޕަޑުކޯން މުހިއްމު ރޯލްތަކުން ފެންނަ މި އެކްޝަން ތްރިލާ ފިލްމަކީ ސިދާތް އާނަންދް އަމިއްލައަށް ލިޔެފައިވާ ސްކްރިޕްޓަކަށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމު އުފައްދާފައިވަނީ ޔަޝް ރާޖް ކުންފުނީގެ ގޮފިކަމަށްވާ ސްޕައި ޔުނިވާސްއިންނެވެ. ވައި.އާރް.އެފް ސްޕައި ޔުނިވާސް ގޮތްޕަކީ ހަމައެކަނި ސްޕައި އެކްޝަން ތްރިލާ ފިލްމު އުފެއްދުމަށް ޚާއްޞަކުރެވިފައިވާ ބައެކެވެ. ޔަޝް ރާޖް ފިލްމްސް ހިންގުމާ ހަވާލުވެހުރި އަދިތްޔާ ޗޯޕްރާގެ ޚާއްޞަ ބެލުމުގެ ދަށުން ހިންގާ ސްޕައި ޔުނިވާސްއިން މިހާތަނަށް އުފައްދާފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "އެކްތާ ޓައިގާ" ފްރެންޗައިޒް" އާއި "ވޯ" ހިމެނެއެވެ.