18 Apr 2012, 16:19
އދ. ގެ މެމްބަރަކަށް ފަލަސްތީނު ހެދުމަށ ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ގެ ޝަރަފުގައި މިއަދު މެންދުރު ކުރުނބާ އައިލެންޑު ރިސޯޓްގައި ބޭއްވި ހާއްސަ ޖާފަތުގައި ވާހަކަފުޅު ދައްކަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިލަންލަގުވާމީ ދުނިޔެއަށް އަބަދުވެސް އިލްތިމާސް ކުރައްވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ހޯދުމަށް ރާއްޖެއިން ބައިނަލްލަގުވާމީ ދުނިޔެއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
" ދައުލަތެއް އުފެއްދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުން ދާ މަސައްކަތަކީ ދުނިޔޭގެ ފެންވަރުގެ އެހެން މައްސަލަތަކަށް ވުރެ ދިވެހިން ޝައުގުވެރިވާ މަސައްކަތެއް" ރައީސް ވަހީދު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ފަލަސްތީނު ރައްޔިތުން މިނިވަން ދައުލަތެއް އުފެއްދުމަށް ކުރާމަސައްކަތަށް ތާއީދު ކުރައްވާތީ އުފާކުރާކަމަށާއި މިފަދަ ރީތި ގައުމަކަށް އާދެވުމުން އެކަމާ ވެސް އުފާ ކުރާ ކަމަށް މަހުމޫދު އައްބާސް ވިދާޅުވި އެވެ. އަދި މިދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަލި ވެއްޖެކަމަށް އައްބާސް ވިދާޅުވި އެވެ.
މި ޖާފަތުގައި ކުރީގެ ރައީސް މައުމޫނާއި ސަރުކާރުގެ ވަޒީރުނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިނާއި އެހެން ގައުމު ތަކުގެ ސަފީރުން ވެސް ބައިވެރިވި އެވެ.