11 Mar 2023, 13:29
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ޗައިނާގެ ރައީސްކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ޝީ ޖިންޕިންއަށް މަރުހަބާ ދަންނަވައިފިއެވެ.
އިއްޔެ ޗައިނާގެ ޕާލިމެންޓް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގައި އެ ގައުމުގެ ރައީސް ކަމަށާއި އެ ގައުމުގެ އެންމެ ބާރުގަދަ ދިފާއީ ކޮމިޝަން ކަމަށްވާ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ ޗެއާމަން ކަމަށް ޝީ އިންތިޚާބުކޮށްފައި ވަނީ އެންޕީސީގައި ތިއްބަވާ ގާތްގަނޑަކަށް 3,000 މެމްބަރުން އިއްތިފާގުންނެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ބުނީ ޝީ ރައީސް ކަމަށާއި އަސްކަރިއްޔާގެ ވެރިޔަކަށް އިންތިހާބުވެވަޑައިގަތުމުން އެ ކަމަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު ތަހުނިޔާގެ މެސެޖެއް އިއްޔެ ފޮނުއްވާފައިވާ ކަމަށެވެ.
ރައީސް ޞާލިހްގެ މެސެޖުގައި އެ މަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަަދަ ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، ޝީގެ ތަސައްޗުރާ މެދު ޗައިނާގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދަމަހައްޓައި، އެ ގައުމަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ޗައިނާގެ ޕާލަމެންޓުން ޝީއަށް ތިންވަނަ ދައުރެއް ދީފައި ވަނީ، އެ ގައުމުގައި ރައީސްކަން ކުރެވޭނީ ދެ ދައުރަށް ކަމަށް ބުނާ ގާނޫނަށް 2018ވަނަ އަހަރު ބަދަލު ގެނައުމަށް ފަހުގައެވެ. އެންޕީސީގެ އެހެން ވޯޓުތަކުގައި އާ ނައިބު ރައީސް ކަމަށް ހޮވިފައިވަނީ އުމުރުން 68 އަހަރުގެ ހާން ޒެންގެވެ. އަދި، މަޖިލީހުގެ އާ ޗެއާއަކަށް ހޮވިފައި ވަނީ އުމުރުން 66 އަހަރުގެ ޒާއޯ ލެޖީއެވެ.
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކެބިނެޓްގެ އެހެން މަތީ މަގާމުތައް ފުރުމަށް ޝީގެ ރުހުން ލިބިފައިވާ އޮފިޝަލުން އައްޔަން ކުރުމަށް ވަނީ ނިންމައިފައެވެ.
ރިޔާސީ ތިންވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމާއެކު ޗައިނާގެ ސިފައިންގެ ވެރިޔާގެ މަގާމަށް ވެސް ޝީ ވަނީ އިންތިޚާބުކޮށްފައެވެ. ޗައިނާގެ ސިފައިންގެ ވެރިޔާއަކީ އެގައުމުގެ ރައީސަށް ޚާއްސަ މަގާމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝީ އިންތިޚާބުކޮށްފައެވެ.
ދެެހާސް ބާރަ ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޝީ ވަނީ އޭނާގެ ސަރުކާރަށް ގޮންޖެހުން ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތައް އެއްފަރާތްކޮށް، އޭނާއަށް ތާއީދުކުރާ މީހުންނާ އެކު އެ ޕާޓީ ފުރާލައިފައެވެ.