18 Apr 2012, 15:45
ބްރަސަލްސް (މާޗް 18) : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށާއި އެޤައުމުގެ އިރުމަތީގެ ބޮޑެތި ރައްތަކަށް ތާލިބާން ހަނގުރާމަވެރިންދިން ވަރުގަދަ ޙަމަލާތަކާގުޅިގެން ނޭޓޯގެ ދިފާޢީ ވަޒީރުން ކުއްލި ގޮތަކަށް ބްރަސަލްސްގައި ބައްދަލުކުރައްވައިފިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިބައްދަލުވުމުގައި ނޭޓޯގެ ދިފާޢީ ވަޒީރުން މަޝްވަރާކުރައްވަނީ އެމެރިކާގެ ކޮމާންޑްގެ ދަށުން އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ސިފައިން އެޤައުމުން ބޭލުމުގެ ކަންތައް އަވަސްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ. ނޭޓޯގެ ޤައުމުތަކުން 2010 ވަނަ ނިންމާފައިވަނީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން އެޖަމާއަތުގެ ހުރިހާ ސިފައިން (އެމެރިކާގެ ސިފައިންވެސް ހިމެނޭގޮތަށް) އަފްޣާނިސްތާނުން ބޭލުމަށެވެ.
މަރްޙަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މިޕްލޭންގެ ދަށުން މިއަހަރުތެރޭގައިވެސް އެތަށްހާސް ސިފައިންނެއް އަފްޣާނިސްތާނުން ބޭލުމަށް ހަމަޖެހިފައިވެއެވެ. އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ނޭޓޯގެ 130 ހާސް ސިފައިން ހަނގުރާމަކުރަމުން ގެންދަނިކޮށް ފާއިތުވި ތިން ދުވަހުގެ ތެރޭގައި ތާލިބާނުންވަނީ ކާބުލްއަށާއި އަފްޣާނިސްތާނުގެ އިރުމަތީގެ ތިން ރަށެއްގައިވާ އަފްޣާން ސަރުކާރުގެ އޮފީސްތަކަށާއި ބޭރުގެ އެންބަސީތަކަށާއި ނޭޓޯގެ ބޭސްތަކަށާއި އެނޫންވެސް އެތަށް ތަނަކަށް ސިލްސިލާ ވަރުގަދަ ޙަމަލާތަކެއްދީ ސިފައިންނާއި ޢާންމުންގެ 51 މީހަކު މަރާލައި އެތަށްބަޔަކު ޒަޚަމްކޮށްލާފައެވެ.
ނޭޓޯގެ 130 ހާސް ސިފައިންނާއި އަފްޣާން ސިފައިންގެ ލަޝްކަރުތަކަށް ރޭކާނުލާގޮތަށް ތާލިބާނުން ދިން މިޙަމަލާތަކާގުޅިގެން އަފްޣާން ސަރުކާރާއި އެމެރިކާއާއި ނޭޓޯ ވަނީ ލަދުގެންފައެވެ. މިޙަމަލާތަކާގުޅިގެން އަފްޣާނިސްތާނުގެ ރައީސް ޙާމިދް ކަރުޒާއިވަނީ ތާލިބާނުންނާ ކުރިމަތިލުމުގައި ނޭޓޯ ފޭލްވެފައިވާ ކަމަށް ސިފަކުރައްވާފައެވެ.
ބްރަސަލްސްގައި ކުރިޔަށްދާ ނޭޓޯގެ ދިފާޢީ ވަޒީރުންގެ ބައްދަލުވުމުގައި 2014 ގެ ކުރިން ނޭޓޯގެ ބާރުތައް އަފްޣާނިސްތާނުން ބޭލުމާބެހޭގޮތުން މަޝްވަރާކުރެވެމުން ދިޔަނަމަވެސް މިކަމާބެހޭ ތަފްސީލެއް ނޭޓޯގެ މަސްއޫލުވެރިއަކު ދެއްވާފައެއްނުވެއެވެ. ނޭޓޯގެ އަންހެން ތަރްޖަމާނެއް ކަމަށްވާ އަނާ ލެންގެސްކޯ ވިދާޅުވީ 2014 ގެ ކުރިން ނޭޓޯގެ ބާރުތައް އަފްޣާނިސްތާނުން ބޭލުމާބެހޭގޮތުން ބްރަސަލްސްގެ ބައްދަލުވުމުގައި މަޝްވަރާކުރެވެމުންދިޔަ ނަމަވެސް އެކަންކޮށްފިނަމަ ސަލާމަތީ އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ފާއިތުވި ދެތިންދުވަހު ދިންފަދަ ވަރުގަދަ ޙަމަލާތައް ނޭޓޯއަށް ގޮންޖަހާފައި މީގެކުރިންވެސް ތާލިބާނުން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނޭޓޯއަށް އެހީތެރިވާ އޮސްޓްރޭލިޔާއިން ބުނެފައިވަނީ އަންއަހަރުގެ ކުރީކޮޅު އެޤައުމުގެ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމާނެ ކަމުގައެވެ. -- ރޮއިޓާސް