ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބޭއްވި އޯޕެން ޑޭއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި އޯޕެން ޑޭ ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ހިޔާ ފްލެޓުތައް ސާފު ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް މީގެކުރިން ކުރަމުން އައީ އަމިއްލަ ކުންފުނިތަކުންނެވެ. އެގޮތުން އެއްއަހަރު ދުވަހުގެ މުއްދަތަށް އެމަސައްކަތް ވަށި ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ފަހު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައި އަލުން ވަޒީފާއަށް ހުޅުވާލާފައެވެ.

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ މަސައްކަތަށް ޖުމްލަ 136 މުވައްޒަފުން ނެގުމަށް އެޗްޑީސީން ނިންމާފައިވެއެވެ. އެއީ 88 ސެކިއުރިޓީ އެސިސްޓެންޓުންނާއި، 48 ސަޕޯޓު ސްޓާފުންނެވެ. އެ މުވައްޒަފުންގެ މުސާރައަކީ މަހަކު 10،500 ރުފިޔާއެވެ.

މިމަގާމުތަކަށް ޚާއްސަކޮށް އެސަރަހައްދުގައި ދިރިއުޅޭ މީހުންނާ ވަނީ އިންޓަވިއު ކޮށްފައެވެ. ވަޒީފާގެ ފުރުސަތަށް އެދި ހުށަހެޅުމަށް ބޭނުންވަނީ އައިޑީ ކާޑްގެ ކޮޕީއާއި ތައުލީމީ ސެޓިފިކެޓާއި ސީވީއެވެ.

މިއަދު ބޭއްވި އޯޕަން ޑޭއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމާއެކު އިތުރު އޯޕަން ޑޭއެއް ބާއްވަން ވިސްނަމުން އަންނަ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.