10 Mar 2023, 19:54
ޗައިނާގެ ޕާލިމެންޓުން އެގައުމުގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން އިންތިޚާބުކޮށްފިއެވެ.
މިއަަދު ޗައިނާގެ ޕާލިމެންޓް ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ)ގައި އެގައުމުގެ ރައީސް ކަމަށާއި އެގައުމުގެ އެންމެ ބާރުގަދަ ދިފާއީ ކޮމިޝަން ކަމަށްވާ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ ޗެއާމަން ކަމަށް ޝީ އިންތިޚާބުކޮށްފައި ވަނީ އެންޕީސީގައި ތިއްބަވާ ގާތްގަނޑަކަށް 3,000 މެމްބަރުން އިއްތިފާގުންނެވެ.
އެގޮތުން، ސަރުކާރު ހިންގާ ކޮމިއުނިސްޓް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ އެ ޕާލިމެންޓުގައި 2،952 މެމްބަރުން ވަނީ ޝީއަށް ވޯޓު ދެއްވާފައެވެ. ޝީއާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.
ޗައިނާގެ ޕާލަމެންޓުން ޝީއަށް ތިން ވަނަ ދައުރެއް ދީފައި ވަނީ، އެގައުމުގައި ރައީސްކަން ކުރެވޭނީ ދެ ދައުރަށް ކަމަށް ބުނާ ގާނޫނަށް 2018 ވަނަ އަހަރު ބަދަލުގެނައުމަށްފަހުގައެވެ.
އެންޕީސީގެ އެހެން ވޯޓުތަކުގައި އާ ނައިބު ރައީސް ކަމަށް ހޮވިފައިވަނީ އުމުރުން 68 އަހަރުގެ ހާން ޒެންގް އެވެ. އަދި މަޖިލީހުގެ އާ ޗެއާއަކަށް ހޮވިފައި ވަނީ އުމުރުން 66 އަހަރުގެ ޒާއޯ ލެޖީ އެވެ.
ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކެބިނެޓްގެ އެހެން މަތީ މަގާމުތައް ފުރުމަށް ޝީގެ ރުހުން ލިބިފައިވާ އޮފިޝަލުން އައްޔަންކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރިޔާސީ ތިންވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމާއެކު ޗައިނާގެ ސިފައިންގެ ވެރިޔާގެ މަގާމަށްވެސް ޝީވަނީ އިންތިޚާބުކޮށްފައެވެ. ޗައިނާގެ ސިފައިންގެ ވެރިޔާއަކީ އެގައުމުގެ ރައީސަށް ޚާއްސަ މަގާމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝީ އިންތިޚާބުކޮށްފައެވެ.
ދެެހާސް ބާރަ ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ޝީ ވަނީ އޭނާގެ ސަރުކާރަށް ގޮންޖެހުން ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތައް އެއްފަރާތްކޮށް، އޭނާއަށް ތާއީދުކުރާ މީހުންނާއެކު އެ ޕާޓީ ފުރާލާފައެވެ.