މެޗުގެ ފަހު ވަގުތު މާރިއޯ ގޯމޭޒް ކާމިޔާބު ކުރި ލަނޑާ އެކު 2- 1 އިން ރެއާލް މެޑްރިޑް ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ މަގު ބަޔާން މިއުނިކުން ފަހިކޮށްފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ރޭ ލީޑް ނެގީ ވެސް ބެޔާން މިޔުނިކުންނެވެ. އެގޮތުން ބެޔާންގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރޭންކް ރިބަރީ އެވެ. އަދި މެޗުގައި ބަޔާން މޮޅު ކޮށްދިން ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ގޯމޭޒް ކާމިޔާބު ކުރިއިރު، މެޗުގައި ރެއާލްއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްގެ ފަރާތުންނެވެ.

ރޭގެ މޮޅާއެކު ބެޔާންއިން ފައިނަލް ކުޅުމުގެ މަގު ކޮށިއިރު، ފައިނަލް ދިއުމުގެ މަގު މުޅިން ކަށަވަރު ވާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރެއާލުގެ ސެންޓިއާގޯ ބެރްނަބާއު ސްޓޭޑިއަމުގައި ކުޅޭ ދެ ވަނަ ލެގު ސެމީ ފައިނަލް މެޗަށް ފަހުއެވެ.

މެޗަށް ފަހު ރިއާލްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، މެޗުގައި ލިބުނު މަދު ފުރުސަތު ތަކުގެ ބޭނުން ނުހިފުނު ނަމަވެސް، ޓީމްދެއްކި ކުޅުމާމެދު ހިތް ހަމަ ޖެހޭ ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ނޫން ގޮތެއް ރެއާލަށް ނެތް ކަމަށް ވެސް މޮރީނިޔޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގެ ދެ ވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 11:45 ގައި ބައްދަލުކުރާ ދެޓީމަކީ ބާސެލޯނާ އާއި ޗެލްސީ އެވެ.