10 Mar 2023, 18:43
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް އުފެދިފައިވާ ގޮތުންނާއި އުފެދުމުގައި ހުރި ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ޚާއްސަ ހައްލުތަކެއް ބޭނުންވާ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިއަށްދާ ބާލިން އިކޮނަމިކް ފޯރަމް 2023 ގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމާ ގުޅިގެން ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަކީ ހަމައެކަނި އެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކެއް ނޫން ކަމަށެވެ.
އެގޮތުން، ޔޫރަޕް، އުތުރު އެމެރިކާ އަދި އެފްރިކާގެ ސަރަހައްދުތަކަށް މިހާރުވެސް މިކަމުގެ ގެއްލުންތައް ފެންނަމުން ދާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބިންތިރި ގައުމަށް ދިވެހިރާއްޖެ ވީހިނދު، ދުނިޔޭގެ ފިނިހޫނުމިނުގައި 1.5 ޑިގްރީ ސެލްސިއަސްއާއި، ދެ ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ދިވެހިރާއްޖެއަށް މަރުގެ ހުކުމެއް އައުމާ އެއްފަދަކަމެއް ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި އެމަނިކުފާނު ވަނީ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެގައުމުތަކުގެ ހާލަތު ވަޒަންކުރުމާ ގުޅޭގޮތުން އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވިއިރު ފެއްޓެވި މަސައްކަތެއް ކަމަށްވާ "މަލްޓި ޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި 2004 ވަނަ އަހަރު ހިނގައިދިޔަ އިންޑިއާ ކަނޑުގެ ސުނާމީ އާއި ކޮވިޑް 19ގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ގައުމުތަކަށް ފަސޭހަ ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނު ވަނީ ދުނިޔޭގެ ސުލްހައާއި ރައްކަތެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމުގައި ކުދި ގައުމުތަކަކީ ބަސް ބުނެވޭ ބަސް ވިކޭ ބަޔަކަށް ވެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދުނިޔެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ކުދި ގައުމުތަކުގެ އަޑުއެހުމުގެ މުހިންމު ކަންވެސް ފާހަގަކުރައްވާފައެވެ.
ބާލިން އިކޮނޮމިކް ފޯރަމް އަކީ އެކެޑަމީ އޮފް ކަލްޗަރަލް ޑިޕްލޯމަސީ އިން އިންތިޒާމުކޮށްގެން މިދިޔަ ހޯމަ ދުވަހުން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ ބައިނަލްއަގްވާމީ ފޯރަމްއެކެވެ.