10 Mar 2023, 18:07
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ޚިދުމަތަށް ލޮގިންވާން މަސައްކަތްކޮށް ލޮގިން ފެއިލްވާ ކޮންމެ ފަހަރަކު އެ އެކައުންޓެއްގެ ވެރިފަރާތުގެ ސަމާލުކަމަށް އެ ކަން ގެނެސްދިނުމުގެ ގޮތުން ނޮޓިފިކޭޝަން ފޮނުވައިދޭން މިހާރު ފަށައިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު "ސަން"އަށް ވިދާޅުވީ މީގެ ކުރިން ލޮގިން ނޮޓިފިކޭޝަން އަންނާނީ ލޮގިންވެވުމުން، ލޮގިންވެވިފައިވާކަން އަންގައިދިނުމުގެ ގޮތުން އެކަނި ކަމަށެވެ.
ނަމަވެސް އަލަށް ތައާރަފުކުރި މި ޚިދުމަތާއެކު އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ އެ ޚިދުމަތް މެދުކެނޑޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ހާލަތެއްގައި ވެސް ނޮޓިފިކޭޝަން އަންނާނީ އެ އެކައުންޓެއްގެ ވެރިފަރާތުގެ ނަމުގައި ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލަށެވެ.
"އިންޓަނެޓް ބޭންކިންއަށް ވެސް މޮބައިލްއަށް ވެސް ޔޫޒާ ނޭމް ޕާސްވޯޑް ޖަހައިގެން ލޮގިންވާން މީހާކު ޓްރައިކުރާއިރު ނުބައި ޕާސްވޯޑެއް ނޫނީ ނުބައި ޔޫސާ ނޭމެއް ޖަހައިގެން އަނެއްހެން ބުނަންޏާ، ފެއިލްޑް ލޮގިންއެއް އަންނަ ހާލަތުގައި ފޮނުވާ ނޮޓިފިކޭޝަނެއް މިއީ،" ސައީދު ވިދާޅުވިއެވެ.
އިންޓަނެޓާއި މޯބައިލް ބޭންކިންއަށް ގިނަ ބަޔަކު ބަރޯސާވާއިރު، ވައްކަންކޮށް ފޭރޭ މީހުން ބޭންކިން ޚިދުމަތުގެ ތެރެއިން ފައިސާ ފޭރުމަށް މަސައްކަތްކުރެއެވެ.
އެކައުންޓުގެ ޔޫސާ ނޭމާއި ޕާސްވޯޑް އަތުޖެހުމުން ނުވަތަ އެ މީހެއްގެ މެއިލްގެ ޕާސްވޯޑް އެނގޭ ހާލަތެއްގައި އެކައުންޓު ހެކްކޮށް ފައިސާ ފޭރުން ފަދަ ކުށްތަކަށް މަގުފަހިވެއެވެ.
އެހެންކަމުން އިންޓަނެޓާއި މޮބައިލް ބޭންކިން ޔޫސާނޭމާއި ޕާސްވޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް، ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.
އެއާއެކު ސެކިއުރިޓީ ފީޗާތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅައި އިތުރު ފިޔަވަޅުތައް ކުރިއަށް ހުރި ދުވަސްތަކުގައި ތައާރަފްކުރާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ.