11 Mar 2023, 08:57
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހިނގާ ނުރައްކާތެރި ކުށުގެ ޙާދިސާތައް އަސްލަކަށް ބަލައިގެން ގެނެސްދޭ "ދިއްލީ ކްރައިމް"ގެ އާ ސީޒަންއަކަށް ތައްޔާރުވަމުން އަންނަކަމަށް ނެޓްފްލިކްސްއިން ބުނެފިއެވެ.
ނެޓްފްލިކްސްއިން ގެނެސްދޭ މިވެބް ސީރީސް ފަށާފައިވަނީ 2020ވަނަ އަހަރުއެވެ. މިފަހަރުގެ ސީޒަންގައިވެސް ގެނެސްދޭނީ ކުށުގެ ވެށީގައި ހިނގާފައިވާ ބެލުންތެރިން ނޭވާ ހިފައްހަޓާލަންޖެހޭ ކަހަލަ ޙާދިސާތަކެއްކަމަށް ނެޓްފްލިކްސްއިން ބުނެފައިވެއެވެ. އަދި މިޙާދިސާތައް ތަޙުޤީޤުކުރުމަށް ފުލުހުންގެ ތަޙުޤީޤު ޓީމްއިން ހިންގާ އިންވެސްޓިގޭޝަންތައް ދައްކުވައިދޭނީ އަސްލާ އެއްގޮތަކަށްކަމަށްވެސްވަނީ ބުނެފައެވެ.
މިއަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހު ވެބް ސީރީސް ޕްރިމިއާކުރަން ނިންމާފައިވާއިރު މިފަހަރުގެ ސީޒަންގައި ފެންނާނެ ތަރިންނާބެހޭ މަޢުލޫމާތު އަދި ޙިއްސާއެއް ނުކުރެއެވެ. "ދިއްލީ ކްރައިމް" ވެބް ސީރީސްއަކީ ނެޓްފްލިކްސްއިން އުފައްދާ ވެބް ސީރީސްތަކުގެތެރެއިން އެންމެ ގިނަ ބަޔަކު ބަލާ އެއް ވެބް ސީރީސްއެވެ. ވޭތުވެދިޔަ 2 ސީޒަންއަށް ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާއިރު މިވެބް ސީރީސްއަކީ ކެނެޑާއަށް ނިސްބަތްވާ ރިޗީ މެހެތާ އަމިއްލައަށް ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީސްތަކެކެވެ.
"ދިއްލީ ކްރައިމް"ގެ ފުރަތަމަ ސީޒަންއަށް އެއަހަރުގެ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ސީރީސް އެވޯޑް ކާމިޔާބުކޮށްފައިވާއިރު މިއީ މިހާތަނަށް ބައިނަލް އަޤްވާމީ އެވޯޑެއް އިންޑިއާގެ ވެބް ސީރީސްއަކަށް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ. "ދިއްލީ ކްރައިމް"ގެ ކުރީގެ ދެ ސީޒަންގެ އެންމެ މުހިއްމު ރޯލްއިން ފެނިގެންގޮސްފައިވަނީ ހުނަރުވެރި ބަތަލާ ޝެފާލީ ޝާހްއެވެ.
މީގެއިތުރުން ބައެއް ފިލްމުތަކުން ފެނިފައިވާ ތަރިން ރަސިކާ ދުގަލް،އާދިލް ހުސައިން އަދި ރާޖޭޝް ތައިލަންގްވެސް ހިމެނެއެވެ.