ވައިކަރަދޫގައި މީހަކު ގަހަކުން ވެއްޓި މައިބަދައަށް އަނިޔާވެ، ދެފައިގެ ވާގި ގޮސްފި އެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު މިއަދު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ފޭރު ގަހަކަށް އަރައިގެން އުޅެނިކޮށް ގަހުން ވެއްޓި މައިބަދައަށް ގެއްލުންވީ އެރަށު މަދަދު، އަބްދުﷲ ޒަރީރު 42، ކަމަށެވެ. އޭނާ ވެއްޓުނީ ގަހަށް އަރައި އޮއްވާ ދެ އަތް ދޫވި ވަގުތު ފައިން ގަހުގައި ހިފަހައްޓަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ތިއްބަވާ ޑޮކްޓަރުންނާ ހަވާލާދެއްވާ ވަހީދު ވިދާޅުވީ ގަހުން ވެއްޓި ޖެހުމުގެ ސަބަބުން ޒަރީރުގެ މައި ބަދަ ގުޑައި އެތެރެ ހައްޓަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ދެ ފައިގެ ވާގި އެކުގައި ގޮސް ހިނގަން ނުކުޅެދިފައިވާ ކަމަށެވެ.

"ގަހުން ވެއްޓުނު ވަގުތު ފައިން ހިފަހައްޓަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ގޮތަށް މިވެއްޓުނީ، ވެއްޓިފައި އޮތް އިރުވެސް އެއްވެސް ގުނަވަނެއް ގުޑުވައެއް ނުލެވޭ،" ވަހީދު ވިދާޅުވި އެވެ.

ދެބަނޑަށް އަށް ކުދިން ލިބިފައިވާ މިހާރުވެސް ދެ އަނބިންނާއެކު ދިރިއުޅެމުން އަންނަ ޒަރީރު ވެއްޓުނީ އޭނާ އަރާ އޮތް ފޭރު ގަސް ކައިރީގައި ހުރި އަކިރި ފުންޏެއްގެ މައްޗަށެވެ. އޭނާ ވެއްޓުމާ އެކު ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީގަ އެވެ. އޭނާ ކުޅުދުއްފުއްޓަށް ގެންދިޔައީ ރޭގަ އެވެ. އާއިލާއިން މަސައްކަތް ކުރަނީ ޒަރީރަށް އިތުރަށް ފަރުވާދިނުމަށް މިރޭ މާލެ އައުމަށެވެ.