ދިރާގު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި ވާދަވެރި ނިއުރޭޑިއަންޓާ ދެކޮޅަށް، މިރޭ ވީބީ އައްޑޫ އެފްސީން ކުރިމަތިލާނީ ނިއު އަށް އިހްތުރާމްކޮށް އަދި ހިތްވަރާއެކު ކާމިޔާބު ހޯދަން ކަމަށް ކެޕްޓަން އައްސަދު އަލީ (އަޑޭ) ބުނެފި އެވެ.

މެޗުގެ ކުރިން ސަން އޮންލައިނަށް ދިން އިންޓަވިއުގައި އަޑޭ ބުނީ، ލީގުގެ ފުރަތަމަ މޮޅު ހޯދުމަކީ ޓީމުގެ ހުރިހާކުޅުންތެރިންގެ އުންމީދު ކަމާށާއި އެކަން ހާސިލް ކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ އެއް ރޫހެއްގައި ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތިބީ އެއް ރޫހެއްގައި މޮޅެއް ހޯދުމަށް ތައްޔާރަށް. ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރާނީ މޮޅުވުމަށް." އަޑޭ ބުންނެވެ.

އޭނާ ބުނީ، އިދިކޮޅަށް ނިކުންނަ ނިއުރޭޑިއަންޓަކީ ބަލިޓީމެއް ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި މޮޅެތި ބައެއް ކުޅުންތެރިން ނިއުރޭޑިއނަޓުގެ ސްކޮޑްގައި ތިބި ކަމުގައި ވިޔަސް، ވީބީގެ ސްކޮޑުގައި ވެސް ދެރައޭ ބުނާ ވަރުގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށް އަޑޭ ބުންޏެވެ.

ނިއު އާ ދެކޮޅަށް ގަލޮޅު ދަނޑުގައި މިރޭ ކުޅޭ މެޗް ވެގެންދާނީ ދިވެހި ލީގުގައި މިއަހަރު ކުޅޭ އެންމެ ފޯރިގަދަ އެއްމެޗަށް ކަމަށް ރާއްޖޭގެ ގިނަ މީޑިއާތުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިކަމަށް ނިއުގެ ކޯޗު މޯހަންވެސް އެއްބަސްވެއެވެ. "އޭއެފްސީ ކަޕުގައި ވަރުގަދަ މެޗުތަކެއްކުޅެ މިމެޗަށް ނުކުންނައިރު ވީބީއަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް ގަބޫލުކުރަން. އަޅުގަނޑުމެންވެސް ރާއްޖޭގެ ކުލަބުތަކަކާއި އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުނިން. އެހެންނަމަވެސް ވީބީއިން ކުޅުނު މެޗުތަކާއި އަޅާބަލާއިރު އެއީ އެއްވެސް އެއްޗެއް ނޫން." ނިއުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނެފައި ވެއެވެ.