09 Mar 2023, 18:56
ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ (ކުނި އުކައިދޭ އަމިއްލަ ވިޔަފާރިތަކުގެ) ކުނި އުކައިދޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން މީގެ ކުރިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކޮންމެ ޓަނަކަށް 212ރ. ނެގިއިރު ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނެގީ 750ރ. އެވެ. އަގަށް ގެނައި ބަދަލާއެކު ދެން މިއިން ކޮންމެ ބަޔެއްގެ އަތުން ވެސް ކުނި އުކައިދޭން ނަގާނީ ޓަނަކަށް ނަގާނީ 2660ރ. އެވެ.
ކުނި އުކައިދޭ އަގަށް މި އައި ބަދަލަކީ ސަރުކާރު ކުންފުނިތަކަށް 1000 އިންސައްތައަށް ވުރެ ބޮޑު އިތުރުވުމެކެވެ. އަދި ޕްރައިވެޓް ކަލެކްޓަރުންނަށް 254 އިންސައްތައިގެ އިތުރުވުމެކެވެ.
މި ތަންތަނުން ނަގާ ކުނީގެ އިތުރުން، ވެމްކޯއިން ވަނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި އުކައިދޭން ނަގާ އަގު ވެސް 212ރ. އިން 1060ރ. އަށް ބޮޑުކޮށްފައެވެ. މިއީ 400 އިންސައްތައިގެ އިތުރުވުމެކެވެ.
ކުނި އުކާލުމުގެ ބައެއް ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައި ނަމަވެސް ގޭބީސީތަކުންނާއި، ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނުން އަދި ކޯލް އެންޑް ޕިކަޕްގެ (ކެޕްސް) ޚިދުމަތްތަކަށް މިހާރު ނަގާ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ވެމްކޯ ކުނި ކަލެކްޝަން މީހުން ގޭގެއިން ކުނި ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ފާސްކޮށްފައިވާ އަގުތައް:
- ގޭބީސީތަކަށް މަހަކު 150 ރުފިޔާ
- ވިޔަފާރިތަކާ ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27 ލާރި
- ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ
- ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ޓަނަކަށް 1060 ރުފިޔާ
- ދައުލަތުގެ އިދާރާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660 ރުފިޔާ
- ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް ޓަނަކަށް 2660 ރުފިޔާ
މީގެ އިތުރުން ގަވާއިދުގައި އޮންނަ ގޮތަށް ބާވަތްތައް ވަކިނުކޮށް ޓްރާންސްފަ ސްޓޭޝަނަށް ކުނި ގެންދާނަމަ ކޮންމެ ފަހަރަކު މަތީގައި ބަޔާންކުރެވުނު އަގަށް 1000 ރުފިޔާ އިތުރުކުރާނެއެވެ.
ވެމްކޯއިން ބުނީ އަގަށް ބަދަލު ގެންނަން ޖެހުނީ މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިޔުމަށްޓަކައި ވެމްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ އިކޮނޮމިކް ކައުންސިލާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ. އެގޮތުން މި ބަދަލު ގެންނަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ވެމްކޯގެ ޙިދުމަތްތަކުގެ އަގަށް އައި ބަދަލު ތަންފީޒުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.