09 Mar 2023, 17:24
އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާކުރިކަމުގެ ކުށުގައި އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާން އިއްވި ހުކުމް އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ އިސްލާހުކުރަން ހައިކޯޓުން އަންގައިފިއެވެ.
ހައިކޯޓުގެ އިސް އޮފިޝަލަކު ވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިސްތިއުނާފުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން އެ ކަން އަންގައި ރައީސް ޔާމީންގެ ވަކީލުންނަށް ހައި ކޯޓުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ޔާމީމްގެ ވަކީލުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޔާމީންގެ މައްސަލައިގައި ހުށަހެޅި ފޯމުތައް އިސްލާހުކުރަން ހައިކޯޓުން އަންގާފައި މިވަނީ އިސްތިއުނާފު ލަސްވާ މައްސަލައިގައި އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
ފާއިތުވި ތިން ދުވަހު ވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ލީޑާޝިޕް ބައެއް މެމްބަރުންވަނީ ހައިކޯޓުގައި އޮތް އިސްތިއުނާފް މައްސަލަ ކޯޓަށް ބަލައިގަތުން ލަސްވާކަމަށް ބުނެ، އެ ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރުމަށް ގޮސްފައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ރަޖިސްޓްރާއާ ބައްދަލުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އާރަށް މައްސަލައިގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ. އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ހުކުމަށް ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހުގެ 12ގައެވެ.
ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވިއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ، މި މައްސަލައިގައި ނިހާއީ ހުކުމެއް ނެތި ދިގު ދެމިގެން ދާތީ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.