18 Apr 2012, 14:56
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ ޓީމުތައް އެއްވަރެއްގައި ބެލެންސް ވެފައި ވީނަމަވެސް، ވިކްޓަރީގެ ޓާގެޓަކީ ލީގުގެ ފުރަތަމަ ތިންމެޗް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދުން ކަމަށް ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
މާދަމާ ހަވީރު 4:00 ޖަހާއިރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ގޯލްކީޕަރު މުހައްމަދު ފައިސަލާއި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ނުކުޅެވުނު ކަމުގައި ވިޔަސް، މާދަމާ ވިކްޓަރީ ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
"ވިކްޓަރީގެ ޓާގެޓަކީ ފުރަތަމަ ބުރުގެ ތިން މެޗުވެސް ކާމިޔާބު ކުރުން. އޭގެ ފަހުން ލީގުގައި ޓާގެޓްކުރާނެ މަގާމަކާ މެދު ވިސްނާނީ،" ސުޒޭން ބުންޏެވެ.
ސުޒާންގެ އިތުރުން މިއަދުގެ ނިއުސްކޮންފަރެސްގައި ބައިވެރިވި، މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ވިކްޓަރީއަކީ ބަލިޓީމެއް ނޫން ކަމަށާއި އެހެން ނަމަވެސް މާދަމާ ވިކްޓަރީ އާ ދެކޮޅަށް ނިކުންނާނީ ފުރަތަމަ މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށެވެ.
އިންމަ ބުނީ، މިފަހަރުގެ ލީގުގައި ވެސް މާޒިޔާގެ ޓާގެޓަކީ މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީ ހޯދުން ނުވަތަ އެއަށް ވުރެ ކުރިއަށް ދިއުން ކަމަށެވެ. އަދި އެކަން ކުރުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިންމަ ބުންޏެވެ.
ލީގުގެ ފުރަތަމަ މެޗުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ވީބީ އާއި ނިއު ރޭޑިއަންޓެވެ.