ގިނަ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލް ކުޅެ، ފިލްމުތައް ޕްރޮޑިއުސްކޮށްގެން ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ސަތީޝް ކޯޝިކް މަރުވެއްޖެއެވެ.

ސަތީޝް ކޯޝިކް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ރޭގެ މެންދަމުގެ ވަގުތެއްގައެވެ. އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އެކްޓަރު އަނޫޕަމް ޚޭރް މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ނިއު ދިއްލީގައި ހުންނަ ރަހުމަތްތެރިއެއްގެ ގޭގައި ހުރެ ނޭވާލާން އުނދަގޫވާކަހަލަ އިޙުސާސެއް ކުރެވޭކަމަށް ސަތީޝް ބުނިކަމަށެވެ. އަދި ޑްރައިވަރު ގާތު އަވަހަށް ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދުނުކަމަށާއި ހާޓް އެޓޭކް ޖެހިފައިވަނީ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައިކަމަށް އަނޫޕަމްވަނީ ބުނެފައެވެ.

އަނޫޕަމް އިތުރަށް ބުނީ، މަރަކީ މިދުނިޔޭގައި ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހޭ ޙަޤީޤަތެއްކަމަށާއި، ނަމަވެސް އެންމެ ގާތް ރަޙްމަތްތެރިޔާގެ މަރުގެ ޚަބަރު ލިޔުމަކީ ހުވަފެނުގައިވެސް ދެކެން ބޭނުންނުވާ ކަމެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ދެމީހުންގެ ރަޙްމަތްތެރިކަމުގެ ގުޅުން ދެމިއޮންނަތާ 45 އަހަރުވެފައިވާއިރު އަނޫޕާމްއަށް މިހާރު ލިބިފައި ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

އަނޫޕަމްގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ތަރިން ވަނީ ސަތީޝްގެ ކުއްލި މަރާ ގުޅިގެން ޢާއިލާއަށް ތަޢުޒިއްޔާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި ކުރީގެ އެކްޓަރު ރާޖް ބައްބަރު، ޖާވިދް އަޚްތަރު، އެކްޓަރު ޢަލީ އަފްޒަލް، އަކްޝޭ ކުމާރު، ވިކީ ކޯޝަލް، އަޖޭ ދޭވްގަން އަދި ވަރުން ދަވަން ހިމެނެއެވެ.

މީގެއިތުރުން ބަތަލާ މަދޫރީ ޑިކްސިޓް، ކަންގްނާ ރަނާވަތް އަދި ރިޗާ ޗައްދާވެސްވަނީ ޢާއިލާއަށް ތަޢުޒިޔާގެ މެސެޖު ފޮނުވާފައެވެ. ހިންދީ ސިނަމާއަށް އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ސަތީޝްއަކީ، ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފިލްމު ޑައިރެކްޓްކޮށް ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތްވެސްކުރި މީހެކެވެ.

ފިލްމު ތިއޭޓަރުތަކުން ފިލްމީ ކެރިއަރު ފެށި ސަތީޝްއަކީ އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާ/ފިލްމު އަދި ޓެލެވިޒަން އިންސްޓިޓިއުޓް އޮފް އިންޑިއާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ އެކްޓަރެކެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނާއެކު ފިލްމުތަކުން ފެނިފައިވާ ސަތީޝް އެންމެފަހުން ފެނިފައިވަނީ މިދިޔަ ޖަނަވަރީ މަހު ޒީ5އިން ޕްރިމިއާކުރި ފިލްމު "ޗަތުރީވާލީ"އިންނެވެ.

އޭނާގެ މަޝްހޫރު ފިލްމުތަކުގެތެރޭގައި، "މިސްޓަ އިންޑިއާ"، "ސާގަރް"، "ދިވާނާ މަސްތާނާ" އަދި "އާ އަބް ލޯޓް ޗަލޭ" ހިމެނެއެވެ. ސަތީޝް ޑައިރެކްޓްކުރި ފިލްމުތަކުގެތެރޭގައި އަނިލް ކަޕޫރާއި އައިޝްވާރްޔާ ކުޅުނު ފިލްމު "ހަމާރާ ދިލް އާޕްކޭ ޕާސްހޭ"، "ތޭރޭ ނާމް" އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިލްމު "ރޫޕްކީ ރާނީ ޗޯރޯންކާ ރާޖާ" ހިމެނެއެވެ.