ދެވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ ގަދަ ސޯޅާއަށާއި އަންހެން ސިންގަލްސްގެ ސެމީ ފައިނަލަށް ކުޅުންތެރިން ހޮވައިފި އެވެ.

ޖުމްލަ 49 ފިރިހެން ކުޅުންތެރިން ވާދަކުރި ފިރިހެން ސިންގަލްސް އިވެންޓުގެ ކުޅުން ރޭ ނިމުނުއިރު ގަދަ 16 ޖާގަ ކަށަވަރުކޮށްފައިވާ ކުޅުންތެރިންނަކީ ސަދޫހު ސާމިއު، އަލީ ނިޝާމަން، އަލީ ޝުޖާއު، އިބްރާހިމް މޫސާ، އާދަމް އަދީލް، އަބްދުﷲ ހަރީފް، އިބްރާހިމް ނާޒިމް، އަހްމަދު ރަޝީދު، ހަސަން ޝާމިން، އިސްމާޢިލް އަޒްމީން، އިބްރާހިމް މުހައްމަދު، ހުސެއިން އަމީޒް އަދި ހުސެއިން އަލީ އެވެ.

އަންހެން ސިންގަލްސްގައި ވާދަކުރި 12 ކުޅުންތެރިންގެ ތެރެއިން ރޭގައި ކުޅެވުނު ކުއަޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ފާތިމަތު ރައުފާ ބަލިކޮށް އައިޝަތް ޝަޒްނާ ސެމީ ފައިނަލުން ޖާގަހޯދި އިރު ޝަޒްނާ އާއި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި ހޮވިފައިވަނީ ކުއަޓަރ ފައިނަލް ދެވަނަ މެޗުގައި ޖުމާނާ ޚަލީލް ބަލިކުރުމަށްފަހު އަފީފުއްނިސާއެވެ.

ކުއަޓަރ ފައިނަލްގެ ތިންވަނަ މެޗުގައި ފާތިމަތު ރަޔާން ބަލިކޮށް އައިިމިނަތް ނިފާޝާ ދެވަނަ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރިއިރު ނިފާޝާ އާއި ސެމީ ފައިނަލް ދެވަނަ މެޗުގައިި ބައްދަލުކުރުމަށް ހޮވިފައިވަނީ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި އައިމިނަތް ވިޝާމާ ބަލިކުރުމަށްފަހު މިދިޔަ އަހަރުގެވެސް މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަން އައިޝަތް ފައިނާޒެވެ.

މި މުބާރާތުގައި މިއަދު އަންހެން ސިންގަލްސް އަދި ފިރިހެން ސިންގަލްސް އިވެންޓުން ފައިނަލަށް ހޮވޭނެ ކުޅުންތެރިން ކަށަވަރުވާނެއެވެ. މި މުބާރާތުގެ އެންމެ ފޯރިގަދަ އަދި އެންމެ މުހިންމު އިވެންޓު ކަމުގައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ކުޅުންވެސް ވަނީ މިރޭ ފެށުމަށް ހަމަޖެހިފައެވެ.

އަދި މީގެއިތުން އަންނަ އާދިއްތަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ އޯޕަން ސިންގަލްސް އިވެންޓުގެ ފައިނަލް މެޗް ޓީ.ވީ.އެމް އިން ވަގުތުން ދުރަށް ދެކުމަށް ވަނީ ހަމަޖެހިފައެވެ.