09 Mar 2023, 09:05
"ހީރޯ ޕަންތީ"އިން 2014ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ބަތަލާ ކްރިތީ ސެނޮން ފިލްމީ ދާއިރާއާއި ގުޅެން ނިންމުމާއެކު ގިނަ ބައެއްގެ ނުރުހުން އޭރު ލިބުނުކަމަށް ބަތަލާ ބުނެފިއެވެ.
ޚާއްޞަކޮށް ފިލްމީ ކެރިއަރެއް ފެށުމަށްފަހު ބަތަލާގެ ޓެގް އެޅުވޭ ހިސާބުން ކައިވެނިކުރާނެ މީހަކުވެސް ނުވާނެކަމަށް ބުނެފައި އެބަހުރިކަމަށް ބަތަލާވަނީ ބުނެފައެވެ. މިމަޢުޟޫއަށް އިތުރަށް ވާހަކަ ދައްކަމުން ކްރިތީ ބުނެފައިވަނީ، މިއީ ވަކި ޢާއިލާއަކަށް ނިސްބަތްވާތީ ދިމާވި ފާޑުކިޔުންތަކެއް ނޫންކަމަށާއި ނަމަވެސް މިއީ ފިލްމީ ދުނިޔެއާމެދު ބައެއް މީހުން ދެކޭގޮތްކަމަށެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ފިލްމީ ދުނިޔެއަކީ، ކުރިޔަށް ދިއުމަށް އެންމެ ރަނގަޅު ދާއިރާ ނޫންކަމަށާއި، އެދާއިރާގެ ވިދުން ކިތަންމެ ގަދަވިޔަސް ގިނަފަހަރަށް ލިބެނީ ކެހިކަމަށް އެއްބަޔަކު ދެކޭކަމަށް ބަތަލާވަނީ ބުނެފައެވެ.
ފިލްމީ ކެރިއަރު ފެށުމުގެ ޚިޔާލު ޢާއިލާއާ ޙިއްސާކުރުމުން ކްރިތީގެ މަންމަ ދުށްގޮތުގައި ފިލްމު ކުޅުމަކީ ކްރިތީއާ އެކަށީގެންވާ ކަމެއް ނޫންކަމަށް ބަތަލާ ބުނެފައިވެއެވެ. ސަބަބީ ކްރިތީއަކީ، އަބަދުވެސް ވަރަށް ލަދުރަކި، މީހުންނާ އެހާ ބައްދަލުކޮށް ހަދާ މީހަކަށް ނުވުމުން ފިލްމު ކުޅެން ކެމެރާއާ ކުރިމަތިލާންވެސް ނުކެރެނޭކަމަށް ކްރިތީގެ މަންމަ އޭރުބުނިކަމަށް ކްރިތީވަނީ ބުނެފައެވެ. އަދި މީހަކު ހިތްހަމަ ނުޖެހިގެން އެއްޗެއް ބުނެފިއްޔާ ވަރަށް އަވަހަށް ރޮވޭތީ އެކަމާވެސް މަންމަ ކަންބޮޑުވުން ފާޅުކުރިކަމަށް ކްރިތީވަނީ ބުނެފައެވެ.
އެހެންނަމަވެސް މިހުރިހާ ފާޑުކިއުންތަކަށް ބެލުމެއްނެތި ކްރިތީވަނީ ބެލުންތެރިންގެ ގިނަ ބައެއްގެ ހިތް ފަތަޙަކޮށްފައެވެ. ހިތްގައިމު އިސްކޮޅެއްގެ ވެރިޔާ މިހާތަނަށް ކުޅެފައިވާ ކޮންމެ ފިލްމަކީވެސް ބަތަލާގެ އެކްޓިންގަށް ގިނަ ބައެއްގެ ތަޢުރީފު އޮހިފައިވާ ފިލްމުތަކެކެވެ. އަދި ހަމައެހެންމެ ބޮކްސް އޮފީހުގައި ކާމިޔާބީއާ ހަމައަށް ވާސިލުވެފައިވާ ފިލްމުތަކެކެވެ.
ދާދިފަހުން ރިލީޒްވި ފިލްމު "ޝެހެޒާދާ"ގެ ލީޑް ރޯލްއިން ފެނިގެންދިޔަ ބަތަލާ މިހާރުވެސް ތައްޔާރުވެފައިވަނީ، އެކްޓަރު ޕްރަބާސްއާއެކު ފެނިގެންދާ ފިލްމު "އަދި ޕުރުޝް" އަދި ޓައިގާ ޝްރޮފްއާއެކު ފެންނަ ފިލްމު "ގަންޕަތް"ގެ މަސައްކަތް ފެށުމަށެވެ.
މީގެތެރެއިން ފިލްމު "އަދި ޕުރުޝް"އަކީ މިހާރު މަސައްކަތް ނިމި ރިލީޒްކުރުމުގެ މަރުޙަލާގައިއޮތް ފިލްމެކެވެ. މީގެއިތުރުން ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ކުރިޔަށް އޮތް ފިލްމު "ދަ ކްރޫ" ނަމަކަށްކިޔާ ފިލްމަށްވެސް ބަތަލާވަނީ ސޮއިކޮށްފައެވެ. ކްރިތީއާއެކު ފިލްމުގައި ފެނިގެންދާނީ ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ތައްބޫއެވެ.