18 Apr 2012, 14:45
ލިވިން އެލަވަންސް ހަމަނުޖައްސައިދީގެން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން މިދިޔަ މަހު ފަހުކޮޅު އިހުތިޖާޖު ކުރިތާ މަސް ދުވަސް ނުވަނީސް، ހިއުމަން ރިސޯސަސް ޑިރެކްޓަރަށް ނޯޓިސްދީ ގެއަށް ފޮނުވާލައިފި އެވެ.
ވަޒީފާ ދިންތާ ހަ މަސް ދުވަސް ފަހުން އެޗުއާރު ޑިރެކްޓަރު އައިމިނަތު ޝާދިޔާ އަށް ނޯޓިސްދީ ގެއަށް ފޮނުވާލާފައި ވަނީ، މި އަހަރަށް ކަނޑައެޅި ބަޖެޓްގައި ފައިސާ ނެތް ކަމަށް ބުނެ އެވެ.
ޝާދިޔާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ، އޭނާ އަށް ނޯޓިސްދީ ގެއަށް ފޮނުވާލާފައި ވަނީ އިހުތިޖާޖުގެ މައްސަލައާ ގުޅިގެން "ވަރަށް ބޮޑަށް ޒާތީ ގޮތުން" ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ވަޒީފާއަކަށް ހަމަޖައްސައި އަދި މުސާރަ ދެމުން އަންނަތާ ހަ މަސް ދުވަސް ފަހުން އެންމެ ދެ ހަފުތާގެ ނޯޓިސްދީ ގެއަށް ފޮނުވާލުމުން ވަރަށް ބޮޑު ހައިރާކަން ލިބުނު ކަމަށާއި އަދި ގެއަށް ފޮނުވާލީ އޭނާ އަކީ އޭނާގެ ވަޒީފާ އެންމެ ރަނގަޅަށް އަދާ ކުރާ މީހެއް ކަމަށް ކޮމިޝަންގެ މެންބަރަކު ވިދާޅުވިތާ ވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ކަމަށެވެ.
އަދި ވިދާޅުވީ ބަޖެޓް ނެތިގެން ނޯޓިސްދިން އިރު، ފައިނޭން މިނިސްޓްރީއަށް ގުޅުމުން ބަޖެޓްގެ އެއްބައިން އަނެއް ބަޔަށް ފައިސާ ބަދަލުކޮށްގެން ބަޖެޓް ހަމަޖެއްސުމަށް ފައިނޭންސް މިނިސްޓްރީ އިން ބުނެފައި ވަނިކޮށް ކަމަށެވެ.
ޝާދިޔާ އަށް ނޯޓިސް ދީފައި ވަނީ މާދަމަ އިން ފެށިގެން ދެ ހަފުތާގެ މުއްދަށެވެ. އެ މުއްދަތުގައި އޮފީހަށް ނުކުންނަން ނުޖެހޭނެ ކަމަށް ވެސް އޭނާ އަށް އަންގާފައިވެ އެވެ.
ޝާދިޔާގެ ތުހުމަތުތަކާ ގުޅޭ ގޮތުން އިލެކްޝަންސްގެ ބަހެއް ހޯދުމަށް ގުޅި އިރު، ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ފޯނަށް ޖަވާބު ނުދެއްވާތީ އެތަނުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.