09 Mar 2023, 17:13
ޓައިވާނުގެ ސަބްމެރިން އިންޓަނެޓް ކޭބަލްތަކެއް ޗައިނާގެ ބޯޓުތަކަކުން ކަނޑާލާފައިވާ ކަމަށް ޓައިވާނުން ތުހުމަތުކޮށްފިއެވެ.
އޭޕީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓައިވާނުގެ އިންޓަނެޓް ދެ ކޭބަލެއް ކަނޑާލުމުގެ ސަބަބުން އެ ޖަޒީރާގެ ޓެލެކޮމް ޚިދުމަތަށްވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.
ޓައިވާނުގެ ނެޝަނަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެންސީސީ)އިން ބުނި ގޮތުގައި، މިދިޔަ ހަފުތާ ތެރޭގައި ފުރަތަމަ ކޭބަލް ކަނޑާލާފައި ވަނީ ޗައިނާގެ މަސްވެރި އުޅަނދަކުންނެވެ. އެ ބޯޓުން އެ ކޭބަލް ކަނޑާލީ ޓައިވާނާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރު ކަނޑުގެ ސަރަހައްދަކުން ކަމަށް އެންސީސީއިން ބުނެއެވެ. އަދި ދެވަނަ ކޭބަލް ކަނޑާލީ އިއްޔެ ޗައިނާގެ މުދާ އުފުލާ ބޯޓަކުން ކަމަށް ވެސް އެ ކޮމިޝަނުން ތުހުމަތު ކުރެއެވެ.
އެ ކޭބަލްތައް ކަނޑާލުމުގެ ސަބަބުން، އިންޓަނެޓް ޚިދުމަތް ހޯދުމަށް މިހާރު ޓައިވާންގައި ބޭނުންކުރަނީ މައިކްރޯވޭވް ރޭޑިއޯ ޓްރާންސްމިޝަން ޓެކްނޮލޮޖީއެވެ. ނަމަވެސް އެއީ ދުވަސްވީ ޓެކްނޮލޮޖީއެއް ކަމަށް ވުމުން އެ ޚިދުމަތުގެ އެހީގައި މެސެޖުތައް ފޮނުވުމާއި ފޯނުން ގުޅުމަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މިކަމުގެ ސަބަބުން ބައެއް ހިސާބުތަކަށް ރޭންޖް ނުލިބި މުއާސާލާތީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އަދި ޓައިވާނުގެ ކުންފުނިތަކުގެ ނެޓްވޯކްތައް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ޗައިނާގެ ޓެލެކޮމްތަކުން ސިމް ކާޑު ގަންނަން މަޖުބޫރުވެފައިވާ ކަމަށްވެސް ޓައިވާންގެ ރައްޔިތުން ބުނެއެވެ.
މިއީ ޓައިވާންގެ އިންޓަނެޓް ކޭބަލްތަކަށް ގެއްލުންދިން ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި ޖުމްލަ 27 ފަހަރު އެ ސަރަހައްދުގެ ކޭބަލްތައް ކަނޑާފައިވެއެވެ. ނަމަވެސް ކޭބަލް ކަނޑާފައި ވަނީ ކޮން ގައުމެއްގެ ބޯޓުތަކަކުންކަން ޔަގީންވެފައިނުވެއެވެ.
އިންޓަނެޓް ޚިދުމަތަށް އަމާޒުކޮށް މިފަދަ ގެއްލުންތައް ދިނުމަކީ ބައެއް ގައުމުތަކުގެ އަމާޒެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ރަޝިޔާއިން ޔޫކްރޭނަށް މިފަދަ ގެއްލުންތަކެއް ދިންކަމަށް ފާހަގަކޮށްފައިވެއެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ޗައިނާގެ ބޯޓުތަކަކުން ގަސްތުގައި ކޭބަލްތައް ކަނޑާލީ ޓައިވާންގެ މައްޗަށް ޗައިނާގެ އިސްތިގުލާލު ކަށަވަރު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ޓައިވާނަކީ 1949 ވަނަ އަހަރު ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބާ ގުޅިގެން އޭރު ޗައިނާގެ ޒައާމަތުގައި ތިއްބެވި ވެރިން ފިއްލަވައިގެން ވަޑައިގެންނެވި، ޗައިނާގެ ޖަޒީރާއެކެވެ. އޭރު ޓައިވާންގައި ވަކި ވެރިކަމެއް އުފެއްދީ އެމެރިކާގެ އެހީގައެވެ.
ޓައިވާނުގައި ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ، ގަދަ ބާރު ބޭނުންކޮށްގެން ވެސް އެގައުމުގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ޖެހޭ ކަމަށެވެ.