ފިލްމު "ކޮކްޓެއިލް"، "ހިންދީ މީޑިއަމް" އަދި "ސްތްރީ"ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ދިނޭޝް ވީޖަންގެ ފިލްމަކަށް އެކްޓަރު އަކްޝޭ ކުމާރު ސޮއިކުރިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެޑޮކްސް ފިލްމްސްއިން ގެނެސްދޭ މިފިލްމުގެ ނަމަކީ، "ސްކައި ފޯސް"އެވެ. އެކްޝަން ޑްރާމާއެއްކަމަށްވާ މިފިލްމަކީ އަކްޝޭ ދިނޭޝް ވީޖަންގެ ފިލްމެއްގައި މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ. އިންޑިއަން އެއާ ފޯސްގައި މިހާތަނަށް ހޯދި އެންމެ ފާހަގަކުރެވޭ ކާމިޔާބީގެ ވާހަކަ ގެނެސްދޭ މިފިލްމުގައި އެކްޓަރު ފެނިގެންދާނީ އެއާ ފޯސް އޮފިސަރެއްގެ ރޯލްއިންނެވެ.

މިއަހަރުގެ މެއި މަހުގެތެރޭ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގައި ދައްކުވައިދޭނީ ޙަޤީޤީ ޙާދިސާތަކުން ނަކަލުކޮށްފައިވާ ވާހަކަތަކެކެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފެށިފައިވާއިރު އަކްޝޭއާއެކު ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ މުޅީން އާ މޫނެއްކަމަށް ޕިންކްވިލާއިންވަނީ ބުނެފައެވެ.

މެޑޮކްސް ފިލްމްސްއިންވެސް އަދި އެކްޓަރު އަކްޝޭ ކުމާރުގެ ފަރާތުންވެސް މިފިލްމާގުޅޭ މާބޮޑު ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެއެވެ. މެޑޮކްސް ފިލްމަކަށް އެކްޓަރު ސޮއިކުރިކަމުގެ ޚަބަރާއެކު ކުރިޔަށްއޮތް މަހު ފިލްމު "ކޭލް ކޭލް މޭ"ގެ ޝެޑިއުލް ފެށުމަށްވެސް އަކްޝޭ އަންނަނީ ތައްޔާރުވަމުންނެވެ. މިފިލްމުގެ ފުރަތަމަ ޝެޑިއުލް ފެށުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

އެކްޓަރުގެ އެންމެ ފަހުން ރިލީޒްވެފައިވާ ފިލްމަކީ އިމްރާން ހާޝްމީއާއެކު ފެނިގެންދިޔަ ފިލްމު "ސެލްފީ"އެވެ. މިފިލްމަކީ ރިމޭކްއަކާ ބަލާފަ ރަނގަޅު ވިޔަފާރިއެއް ލިބުނު ފިލްމެއްނަމަވެސް ފިލްމު ބެލި މީހުންގެ ޢަދަދު މަދުކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ. އަކްޝޭ މިވަގުތު މަސައްކަތްކުރަމުން އަންނަނީ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އެވެ. މިފިލްމުގައި އަކްޝޭއާއެކު ފެނިގެންދާނީ އެކްޓަރު ޓައިގާ ޝްރޮފްއެވެ. އަދި ދާދިފަހުން ބަތަލާ ސޮނާކްޝީ ސިންހާވެސްވަނީ ފިލްމު ކްރޫއާއި ގުޅިފައެވެ.