18 Apr 2012, 14:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިނުގަންނަވާ މެންބަރުންގެ މުސާރަ އިން އުނިކޮށް، ނުވަތަ މެންބަރުން ސަސްޕެންޑް ކޮށްގެން ނަމަވެސް، ކޯރަމް ހަމަކޮށްގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިން ތިން ފަހަރެއްގެ މަތިން ކޯރަމް ގެއްލުމުން ނިޒާމީ މައްސަލަ ނަންގަވައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، ކޯރަމް ގެއްލިގެން މަޖިލީހުގެ ޖަލްސާތައް ކޮންމެ ދުވަހަކު މެދުކެނޑިގެންދާ ކަމަށެވެ. އަދި މެންބަރުންގެ މުސާރަ އިން ކަނޑައިގެން ނުވަތަ މެންބަރުން ސަސްޕެންޑް ކޮށްގެން ނަމަވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯރަމް ގެއްލިގެން ޖަލްސާތައް ކޮންމެ ދުވަހަކު މެދު ކެނޑި، ހުއްޓި، އެއްވެސް މަސައްކަތެއް ނުކުރެވި މިދަނީ .އެހެންވީމަ މިކަމަށް ކޮންމެސް ކަހަލަ ހައްލެއް، އެއީ މުސާރަ އިން ކަނޑައިގެން ތޯ، ނުވަތަ ސަސްޕެންޓް ކުރެވިގެންތޯ. ނަމަވެސް މަޖިލީޙުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް އެދެން،" މަހްލޫފު ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ކޯރަމް ގެއްލިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހޭ މައްސަލަ ހައްލު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރާށޭ ކިޔައިގެން މެންބަރުން ބޮޑު މުސާރަ ނައިގައިގެން ތިބުމުން ކަންކަން ހަމަ ނުޖެހޭ ކަމަށާއި މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި މެންބަރުން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯރަމް ގެއްލުވާލައި ފަރުވާ ކުޑަކުރާ މެންބަރުންގެ މުސާރަ ކަނޑައިގެން ވެސް ޖަލްސާ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެންނަންޖެހިފައި. އަޅުގަނޑުމެން ބޮޑު މުސާރަ ނަގައިގެން ރައްޔިތުންނަށް ހިދުމަތްކުރާށޭ ކިޔައިގެން މިތަނަށް (މަޖިލީހަށް) އައިސް ދެ ދަޅައަށް ސައިބޮއިގެން ކުޑަދަށުގައި ސިނގިރޭޓްބޯން ތިއްބަކަސް އަދި ކަމަކު ނުދާނެ. އެއަށް ވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްއެބަ ކުރަން ޖެހޭ. ކޯރަމް ގެއްލިގެން ފަރުވާކުޑަކުރާ މުވައްޒިފުންގެ މުސާރަ ކަނޑައިގެން ނަމަވެސް މަޖިލިސް ކުރިއަށްގެންދެވޭނެ ގޮތެއް އެބަ ހަދަން ޖެހޭ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
ކޯރަމް ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭ މައްސަލައިގައި ކަންބޮޑުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކޯރަމްގެ މައްސަލަ އާއްމު ކޮމިޓީ އަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފަ އެވެ.
އަދި ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަން ޖެހޭ ކޮންމެ ދުވަހަކު އެ ދުވަހަކު ޖަލްސާއަށް ވަޑައިގަންނަވާ މެންބަރުންނާއި، މަޖިލީހުގެ އިދާރާ އަށް ވަޑައިގެން ޖަލްސާއަށްނުވަންނަވާ މެންބަރުންނާއި ޗުއްޓީގަ އާއި ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންގެ ނަންފުޅުތައް އާމު ކުރެއްވުމަށް ވެސް މަޖިލީޙުން ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ މިހާތަނަށް އައިއިރު މަޖިލީހުގެ ކޯރަމްގެ މައްސަލަ ދިމާވެގެން މަޖިލީހުގެ އެއްވެސް ޖަލްސާއެއް ފުރިހަމަ ކުރެވިފައެއްނުވެ އެވެ.