08 Mar 2023, 20:50
މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މުއްދަތު ހަމަވެފައިވާ ލައިސަންސާއެކީ އުޅަނދު ދުއްވޭ މުއްދަތު އެ މިނިސްޓްރީން އެންމެ ފަހުން އިތުރު ކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމަށް މީގެ ކުރިން ކުރި އިއުލާނުގައި ކަނޑައަޅާފައި މުއްދަތު މި ހިނގާ މާރިޗު މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އަލަށް ތައްޔާރު ކުރި ސޮފްޓްވެއާއެއް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ފެބުރުއަރީ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެތީ ލައިސަންސްގެ ހުރިހާ ޚިދުމަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ޑިޖިޓަލް ލައިސަންސް ތައާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށް ޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ މެދުކަނޑާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.