ސަރުކާރުން ގދ. ފިޔޯރީގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެ ރަށު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެދިއްޖެއެވެ.

ކައުންސިލުން މިކަމަށް އެދުނީ ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގައި ހުރި ދަތިތަކާ، ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އެ ރަށުގެ ސުކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިކަން ވެސް ނައިބު ރައީސާ ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން މެމްބަރުން ވަނީ ރަށުގެ ސިއްހީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ހިންގާ ބައެއް މަޝްރޫއުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި މެމްބަރުން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ފެނާ ނަރުދަމާގެ މަޝްރޫއު އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.