ލާމަރުރަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ އެވަގުތު ޖަލްސާގައި ތިއްބެވި 35 މެންބަރުންގެ ތެރެއިން 23 މެންބަރުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވައިގެންނެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފް ލާމަރުކަޒީ ގާނޫނަށް ހުށަހަލާފައިވާ އެ އިސްލާހަކީ، ސިޓީ ކައުންސިލްތައް ބޭނުންވެއްޖެ ހިނދެއްގައި އަވަށު ބޯޑުތައް އުފެއްދުމަށް ލާމަރުކަޒީ ގާނޫނުން އެ ކައުންސިލްތަކަށް ދީފައިވާ ބާރު އެ ގާނޫނުން އުނިކޮށް، އަވަށު ބޯޑުތައް އަވަށު ކައުންސިލްތަކަށް ބަދަލުކޮށް އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކޮށް ގަނޫނީ ހައިސިއްޔަތު ދިނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ހަސަން ލަތީފް ވިދާޅުވީ، އެގޮތަށް އިސްލާހް ހުށަހެޅުއްވީ، އަވަށު ބޯޑުތައް އުފެއްދުމުގެ ބާރު ސިޓީ ކައުންސިލްތަކަށް އޮތުމުން ރަށްރަށުގެ ކަންތައްތަކުގައި އެ ބޯޑުތަކަށް ރައްޔިތުންނަށް ޖަވަބުދާރީ ނުވެވޭތީ ކަމަށެވެ. އަދި ގާނޫނުން ބާރު ލިބިގެން އަވަށު ކައުންސިލްތައް އިންތިހާބު ކުރުމުން އެ ކައުންސިލްތަކުން ރައްޔިތުންގެ ކަންތައްތަކުގެ ޒިންމާ ނަންގަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.