ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކުރި މީހަކު ފިލުމުން 21,600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެ ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ކުށެއްގެ ތުހުމަތުގައި މ. ހިއްސާ, އާޒިފް އަބްދުލްހަލީމް, ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަސް ބަންދަށް އިތުރު ކޮށްދީފައެވެ.

އެ މައްސަލައާ ގުޅިގެން ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި އާޒިފް ބަންދުކޮށްފައި ހުއްޓާ އޭނާ ފިލުމުން, ދައުލަތުން އުފުލީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއެވެ. އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެސް ވެފައެވެ.

އެ ދައުވާގެ އަސާސީ އަދަބީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށަށް އިއުތިރާފްވެފައިވާތީ އަދަބު އެއް ދަރަޖު ލުއިކުރުމުން އަންނަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖިނާއީ ބަންދަކުން ފިލުމުގެ ކުށް އާޒިފުގެ މައްޗަށް ސާބިތުވުމުން އޭނާ ވަނީ އެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ދައުލަތުން ވެސް އެކަމަށް އިއުތިރާޒްކޮށްފައެއް ނުވެއެވެ.

އެހެންކަމުން ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ އޭނާގެ މައްޗަށް އަންނަ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ މައްޗަށް ކަނޑައަޅާ އަދަބަކީ 21,600 ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.