ބެއިޖިން (8 މާޗް 2023): ޗައިނާއާއެކު އޮންނާނީ ވާދަވެރިކަމެއްކަމަށް އެމެރިކާ ބުނި ނަމަވެސް ޗައިނާއާމެދު އެމެރިކާގެ އަމަލުތައް ހުންނަނީ ޗައިނާ ވަށާލައި ޗައިނާ ހިސާރުކޮށް އަދި ޗައިނާ ބަލިކުރުމުގެ މައްޗަށް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ އައު ޚާރިޖީ ވަޒީރު ޝިން ގާންގް ވިދާޅުވިގޮތުގައި އެމެރިކާގެ އަމަލުތަކާއި ހަރަކާތްތައް ހުންނަނީ ޒިންމާދާރު ބޮޑު ބާރެއްގެ ގޮތުގައެއް ނޫނެވެ. ހާސްވެގެންއުޅޭ އަދި ތަސައްރަފު ނުފުދޭ ގައުމެއްގެ އަމަލުތައް ހުންނަފަދަ ގޮތަކަށެވެ. މިގޮތުން އެމެރިކާ ހިތްހަމަނުޖެހޭ ކޮންމެކަމެއް ކުރިމަތިވެއްޖެނަމަ އަވަސްވެގަންނަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި އަސްކަރީ އުޅަނދުތައް ފޮނުވައި ބިރުދައްކައިގެންނާއި މުލައްދަނޑީގެ ބާރުދައްކައިގެން އަނެއް ފަރާތް ކިޔަމަން ކުރުވުމުގެ މައްޗަށްކަމަށާއި މިއީ އަދުގެ ދުނިޔެ ބަލައިގަންނާނެ ކަމެއްނޫންކަމަށް ޝިން ގާންގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ޗައިނާފަދަ ބޮޑެތި ގައުމުތަކާވެސް އަދި އެނޫންގައުމުތަކާވެސް މިގޮތަށް މުއާމަލާތްކޮށްގެން އެމެރިކާއަށް ކާމިޔާބެއް ނުލިބޭނެއެވެ. ވާހަކަދައްކައި ދޫދީގެން ކަންކަން ހައްލުކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި ނެތްކަމަށާއި އެމެރިކާގެ ވިސްނުންހުންނަނީ ބޮޑާކަމުގެ މައްޗަށް ކަމަށް ޝިން ގާންގް ވިދާޅުވިއެވެ.

ގާންގް އަކީ ކުރިން އެމެރިކާގައި ހުންނެވި ޗައިނާގެ ސަފީރެވެ. އޭނާ ޗައިނާގެ ޚާރިޖީ ވަޒީރުކަމަށް އައްޔަންކުރީ ދާދިފަހުންނެވެ. އެމެރިކާގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގެ މަގާމުގައި ގާންގް ހުންނެވި އިރުވެސް އޭނާއަކީ ޗައިނާގެ އެހެން ޑިޕްލޮމޭޓުންނާ ޚިލާފަށް އެމެރިކާއަށް ބަހުގެ ހަމަލާތައް ދެއްވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްވެސް މެއެވެ.

ޗައިނާގެ ޕާލަމެންޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާންގް ވިދާޅުވީ އެމެރިކާގެ ސިޔާސަތު ހުރީ ވަރަށް ނުބައި ދިމާއަކަށް ކަމަށެވެ. ދުނިޔޭގެ ޖިއޮޕޮލިޓިކަލް މަސްރަހަށް އަންނަމުންދާ ބަދަލުތައް އެމެރިކާއަށް ހަޖަމުކުރެވޭތަން ނުފެންނަ ކަމުގައެވެ.

އެމެރިކާ މިހާރުކުރިއަށްދާ ސިޔާސަތުގައި ބުރެކި ނުޖައްސައި ކުރިއަށް ދާނަމަ އެސިޔާސަތު "ފަރަށް" އަރާނެކަމަށާއި އެކަމުގެ ސަބަބުން ޚުދު އެމެރިކާއަށްވެސް ނުބައި ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ގާންގް ދެއްވިއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ގުޅުންތައް ފާއިތުވި ދެތިން އަހަރުތެރޭގައިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ގުޅުންތައް ގޯސްވި ސަބަބުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާގެ ބާރު ކުޑަވާގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ޗައިނާ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބާރުގަދަކޮށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ފެށުމާއި އެމެރިކާއިން އީރާނާއި ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކެނޑޭގޮތަށް އެދެގައުމާ ޗައިނާއިން ފާޅުގައި މުއާމަލާތް ކުރަންފެށުން ހިމެނެއެވެ.

މީގެއިތުރުން ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ކުރިން ރަޝިއާގެ ތެލާއި ގޭސް ނުގަންނަވަރަށް މިފަހަކަށް އައިސް ޗައިނާއިން ރަޝިއާގެ ތެލާއި ގޭސް ގަންނަންފެށުމަކީ އެމެރިކާގެ ރުޅިވެރިކަން އިންތިހާއަށް ދިޔުމުގެ މައިގަނޑު ސަބަބެކެވެ.

އަނެއްކޮޅުން އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުމަށްޓަކައި ރަޝިއާއާއި އީރާން ހިމެނޭގޮތަށް ދުނިޔޭގެ އެތައް ގައުމަކާއެކު ކަރަންސީ ސްވެޕް ނިޒާމު ހަދައިގެން ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާކަމަށްވާ ޔޫވާންއާއި ރުބެލްފަދަ އެހެން ފައިސާތަކުން މާލީ މުއާމަލާތް ކުރަން ފެށުމަކީވެސް އެމެރިކާ ކަރުނަ އަޅާލަންޖެހޭ ކަމަކަށްވަނީ ވެފައެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ޑޮލަރުން ކުރާ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް ދަށްވާންފަށާފައެވެ. އަދި އެމެރިކާ އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއްވެސް އެފިޔަވަޅުތައް އަމާޒުކުރާ ގައުމުތަކަށް މިހާރު ނުކުރެއެވެ. މިކަން ރަޝިއާއާއި އީރާން އަދި ވެނެޒުއެލާއިން ދަނީ ފެންނަމުންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ޑޮލަރުގެ މުއާމަލާތްތަކަކީ އެމެރިކާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި ގައުމުތައް ކިޔަމަންކުރަން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. މިހަތިޔާރާދެކޮޅަށް ރަޝިއާވެސްވަނީ ފާޅުގައި މިހާރު ތެދުވެފައެވެ.

އަނެއްކޮޅުން އިންޑިއާ، ޔޫއޭއީ، ސައޫދީ އަރަބިޔާ، އިރާގު ފަދަ އެތައް ގައުމަކުންވެސް މިހާރުވަނީ ޑޮލަރުގެ އިތުރުން ޔުވާންއާއި ރުބެލްއާއި ރުޕީ އާއި ރިޔާލް އާއި ދީނާރުފަދަ އެހެން ފައިސާތަކުންވެސް ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ކުރަންފަށާފައެވެ. ނަތީޖާއަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކުޑަވެ އެމެރިކާގެ މާލީ ބާރު ކެނޑިގެންދާގޮތްވުމެވެ. މިމައްސަލާގައި އެމެރިކާދަނީ ދުވަހެއް ދުވަހަކަށް ރުޅިގަދަވަމުންނެވެ.