18 Apr 2012, 14:03
އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެކި ސާމާނު ގަތުމަށް މިނިސްޓްރީ އޮފް ހެލްތާއި އެފްޓެކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2010 ވަނަ އަހަރުކޮށްފައިވާ އެއްބަސްވުމުން 11 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް މާލިއްޔާ އަށް ވެފައިވާތީ އެކަން ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ ސާމާނު ގަތުމަށް ވެފައިވާ އެ އެއްބަސްވުމުގެ ދަށުން އެގްރިމެންޓުގައިވާ ގޮތަށް ބައެއް ތަކެތި ނުލިބެނީސް ކޮންޓްރެކްޓް ކުރި ކުންފުންޏަށް ވަނީ 12.7 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ދޫކޮށްފަ އެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ އެ ފައިސާ އިހުމާލުވެފައިވާ ފަރާތްތަކުގެ އަތުން ހޯދުމަށް ހެލެތު މިނިސްޓްރީ އަށް އަންގަވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އޮޑިޓާ ޖެނެރަލް ހުށަހެޅުއްވީ ފުލުހުންނާއި އެ އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި ހިމެނެނީ އެފްޓެކް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއް ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓުވިޓާގައި ވިދާޅުވެފައި ވަނީ އޮޑިޓް އޮފީހުން ފުރަތަމަ ފަހަރަށް ހުށަހެޅި މައްސަލައަކީ 11.8 މިލިއަން ރުފިޔާ އިން ހިޔާނާތް ވެފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ.
"އެ މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުކޮށް އަދަބު ދިނުމަށް އަހަރުމެންނަށް ލެވުނު ބާރެއް ލުމެއް ]ލުމަށް[ މިތިބީ،" ކޮމިޝަނާ ރިޔާޒް ވިދާޅުވެފައިވެ އެވެ.
އޮޑިޓް އޮފީހުން ގިނަ ރިޕޯޓްތަކެއް އާންމުކޮށް ވަކި ގޮތްތަކަކަށް އަމަލުކުރަން އިރުޝާދު ދީފައިވީ ނަމަވެސް މިހާތަނަށް އޮޑިޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް އަމަލީ ސިފަ އައިސްފައެއް ނުވެ އެވެ.