08 Mar 2023, 18:08
ޖެނީން (8 މާޗް 2023): އިސްރާއީލު ސިފައިން ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށް 26 މީހުން ޒަޚަމްކޮށް އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ.
އިސްރާއީލު ސިފައިން ޓެރަރިޒަމްގެ މިއަމަލު ހިންގީ އިއްޔެ ހަވީރު ފަލަސްތީނުގެ ސިޓީއެއްކަމަށްވާ ޖެނީންއަށް ހަތިޔާރާއެކު ވަދެގަނެ ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ. ޖެނީންއަށް އިސްރާއީލު ސިފައިން އަރައިގަތީ 40އަށްވުރެގިނަ އަސްކަރީ އުޅަނދުތަކާއެކު ސަތޭކައަށްވުރެ ގިނަ ސިފައިން ހިމެނޭގޮތަށެވެ.
ޖެނީންއަށްވަދެ އިސްރާއީލު ސިފައިން މީހުން މަރާފައިވަނީ އެމީހުންގެ މެޔާއި ބޮލަށް ބަޑިޖަހައިގެންކަމަށް މަންޒަރު ދުށްމީހުން ބުނެއެވެ. އިސްރާއީލުން ހިންގި ޓެރަރިޒަމްގެ މިޖަރީމާގައި ޝަހީދުކޮށްލި ހަ މީހުންނަކީ މުހައްމަދު ވާއިލް، ތާރިގް ޒިޔާދު، ޒިޔާދު އަމީން، އަބްދުލްފައްތާހު ހުސައިން، މުއުތަސިމް ނާސިރު އަދި މުހައްމަދު އަޙްމަދު ސަލީމް އެވެ. މީގެތެރެއިން އެކަކު ފިޔަވައި އަނެއް ފަސް މީހުންނަކީ އުމުރުން 29 އަހަރާއި 22 އަހަރުގެ ޒުވާނުންނެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ޖެނީންއަށް އަރައިގަންނަނީ
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ގެންދަނީ ފަލަސްތީނުގެ ސިޓީތަކާއި ރެފިއުޖީ އަވަށްތަކަށް ވަދެ ފަލަސްތީނުގެ އާންމުން މަރަމުންނެވެ. ގިނައިން މަރަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތައް ހިންގާކަމަށް ޝައްކުކުރެވޭ ފަލަސްތީނުގެ ޒުވާނުންނެވެ.
އަނެއްކޮޅުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ގެންދަނީ ފަލަސްތީނުގެ ގެތަކާއި އާންމުންގެ ވެހިކަލްތަކުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. ޔަހޫދީން ހިންގާ ޓެރަރިޒަމްގެ މި އަމަލުތަކަށް ވާގިވެރިވެ އެކަމަށް ފުރުސަތު ދެނީ އިސްރާއީލު ސިފައިންނެވެ.
އިސްރާއީލުންވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 73 މީހުން ޝަހީދުކޮށް 400 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ.
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޓެރަރިސްޓް އަމަލުތަކައި މީހުން މެރުމުގެ ޖަރީމާތައް ހިންގާއިރު އެމެރިކާގެ މަސްއޫލުވެރިން މެދުއިރުމައްޗަށް ވަޑައިގެން އަރަބި ގައުމުތަކުގެ އިސްވެރިންނާ މަޝްވަރާ ކުރައްވަނީ އީރާނަކީ ސަރަހައްދަށް އޮތް ބިރެއްކަމަށްބުނެ އީރާނުގެ ނުރައްކަލުން ސަލާމަތްވުމާބެހޭގޮތުންނެވެ.
މިހާރުވެސް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އުޅުއްވަނީ އީރާނުގެ ނުރައްކަލާބެހޭގޮތުން އަރަބި ވެރިންނާ މަޝްވަރާކުރެއްވުމަށް އަރަބި ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި އޭނާވަނީ އުރުދުންއަށް ޒިޔާރަތް ކުރެއްވުމަށްފަހު މިސްރަށް ވަޑައިގެންފައެވެ. އޮސްޓިންގެ ދަތުރުފުޅު ބިނާކޮށްފައިވަނީ އީރާނާދެކޮޅަށް އަރަބިންނަށް އެހީތެރިވާނެކަމުގެ ޔަަގީންކަން އަރަބި ލީޑަރުންނަށް ދިނުމަށްކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެއެވެ.