މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެލުމިނިއަމާއި އެ ނޫން ވެސް ދަގަނޑާއި މައުދަނުގެ ބާވަތްތައް ގުދަންކުރުމާއި، ސާފުކުރުން އިތުރުވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން ކުރި އިއުލާނެއްގައި ބުނީ މާލޭގައި މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި އެ ފަދަ ތަކެތި ގުދަންކޮށް އޭގެން ތަފާތު މަސައްކަތްތައް ކުރަމުން އަންނާތީ އެ ކަމުގެ ނުރައްކާ ބޮޑުވެ ސިއްހީ ގޮތުން ވެސް ގިނަ ނުރައްކާތަކެއް ވަމުން އަންނަކަމަށް އެ އެޖެންސީއަށް ޝަކުވާ ލިބެމުން އަންނަކަމަށެވެ.

ހަމައެއާއެކު ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ އަދި ހުއްދަ ނެތި އެ ފަދަ މަސައްކަތްތައް ކުރުމަކީ އަދަބު ލިބޭނެކަމެއްކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަށް އެ އެޖެންސީގައި އެދުމަށް އިއުލާނުގައި ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އެކި ޒާތުގެ މައުދަން ރައްކާކޮށް އެ ޓްރީޓުކުރުމާއި، ސާފުކުރުމަކީ އޭގެ ޒާތުގައި ކުނި މަދުކުރަން ކުރުން ރަނގަޅު ކަމެއްކަމަށެވެ.

އެހެންނަމަވެސް އެ ކަން ކުރަންވާނީ އެ ފަދަ މަސައްކަތްތަކަށް ޚާއްސަ ތަންތަނުގައި ހުއްދައާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ރަނގަޅު ކަންތައްތައް. އެކަމު ރަނގަޅު ގޮތުގައި ރަނގަޅު ތަނުގައި އެ ކަން ކުރަންވާނީ. ހުރިހާ އެންމެން ތެރޭގައި އެ އެއްޗެހި ތަޅައި ކުދިކޮށް އޭގެން ނިކުންނަ އެލުމިނިއަމްތަކާއި އޭގެ ކުނި ގަނޑާ އެއްޗެހި އަރައިގެން ގޮސް މިހެން މިވަނީ،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެ ފަދަ ތަކެތި ގުދަންކޮށްފައި ވެސް ހުންނަނީ ފެންވަރު ދަށް ތަންތަނުގައި ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި މީދާ އާލާވެފައި ހުންނަކަމަށާއި އެފަދަ ތަކެތި ގުދަން ކުރެވިފައި ހުންނަނީ ވެސް ރައްކާތެރި ކަމެއް ނެތް ގޮތަަށްކަމަށް ފާހަގަކުރެއްވިއެވެ.

"ކުނި މެނޭޖުކުރުމުގެ ގަވާއިދުގައި އޮވޭ މި ކަން ކުރަން ވަކިގޮތެއް. އެ ކަން އެ ގޮތަށް ކުރީމަ ރަނގަޅުވާނެ. ކުރުން ރަނގަޅު ކަންކަން މީ ހަމަ. ރިސައިކަލްކޮށް އަލުން ބޭނުންކުރުމަކީ މުހިންމުކަމެއް،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެފަދަ މައުދަން ރައްކާކުރާ ގުދަންތަކުގައި އަލިފާން ރޯވުން ފަދަ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވަނީ ވެސް ސަލާމަތާ މެދު ނުވިސްނާ އެ މަސައްކަތްކުރާތީކަމަށެވެ.

އެގޮތުން އެންމެ ފަހުން މ. ނިރުފެހި ގޭގައި ހިނގި 10 ބިދޭސީން މަރުވި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ވެސް އެ ފަދަ ގުދަނެއް ހުރިކަން ފާހަގަވިކަމަށް ނައީމް ވިދާޅުވިއެވެ.