18 Apr 2012, 13:46
މޫނު ބުރުގާ އެޅުމުން އަންހެން ދަރިވަރުންގެ ކިޔެވުން މަހުރޫމުވެގެން ނުދާ ފަދަ އަދުލުވެރި ހުކުމެއް ކޮށްދެއްވުމަށް އެދި ކުއްލިއްޔާގެ ދަރިވަރު، ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒު ހުސެއިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
އެ މައްސަލައިގެ ކުރީގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ވަނީ މޫނު ބުރުގާ އަޅައިގެން ކުލާހަށް ދެވޭގޮތަށް ކުއްލިއްޔާގެ ގަވާއިދު އިސްލާހު ކުރަން ދައުލަތަށް ފުރުސަތު ދީފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ ކުއްލިއްޔާގެ ގަވާއިދުގައި ކާކުކަން ނޭނގޭ ގޮތަށް މޫނުފޮރުވައިގެން ކުލާހަށް ނުދެވޭ ގޮތަށް އޮތް ބައި މިހާރު އުނިކޮށްފައިވާ ކަމަށެވެ. އަދި އެކަން އަންގައިދޭ ލިޔުމެއް ވެސް ޝުނާނާ ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ.
އެ ލިޔުން ޝަރީއަތަށް ހުށަހެޅުމަށް ފަހު ޝުނާނާ ވިދާޅުވީ ކުއްލިއްޔާގެ ގަވާއިދުން އެ ބައި އޮތީ އުނިކޮށްފައި ކަމަށާއި އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.
އެ މައްސަލައިގައި މެހެނާޒުގެ ފަރާތުން ވަކާލާތު ކުރައްވަނީ އޭނާގެ ފިރިކަލުން ޒުންނަވާރު ސަލީމް އެވެ.
ޒުންނަވާރު ވިދާޅުވީ އެ ލިޔުން ހުށަހެޅިއަސް ބޭނުން ވަނީ މައްސަލަ ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި ވިދާޅުވީ މޫނުބުރުގާ އަޅައިގެން ކުލާހަށް ނުދެވޭނެ ކަމަށް ބުނާ ލިޔުން އަދިވެސް ކުއްލިއްޔާގެ ނޯޓިސް ބޮޑުގައި އެބަ ހުރި ކަމަށެވެ.
ދައުލަތުގެ ވަކީލު ޝުނާނާ ވިދާޅުވީ ކުއްލިއްޔާ އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ލިޔުން މިހާރު ނޯޓިސް ބޮޑުން ނަގާފައިވާ ކަމަށާއި މޫނު ބުރުގާ އަޅައިގެން ކުލާހަށް ދިޔުމުގެ ހައްގު މިހާރު މެހޭނާޒަށް އޮންނާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ނިޔާ ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.