08 Mar 2023, 09:59
އަޖޭ ދޭވްގަންގެ ވަރުގަދަ އެކްޝަން ސީންތައް ހިމެނޭ ފިލްމު "ބޯލާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ޚުދު އަޖޭ އަމިއްލައަށް ޑައިރެކްޓްކުރާ މި ފިލްމުގެ ޓްރެއިލާއިން ވަރުގަދަ ސްޓަންޓްތައް ހިމެނޭ އެކްޝަން ސީންތަކެއް ފެންނާނެއެވެ. ތްރިލާއެއްކަމަށްވާ މިފިލްމުގައި އަޖޭ ކުޅެނީ ކުށްވެރިވެގެން ޖަލުގައި ބަންދުކޮށްފައިވާ ގައިދީއެއްގެ ރޯލެވެ. އަޖޭގެ ދަރިފުޅާ ބައްދަލުކުރުމަށް އޭނާއަށް އެހީވެދެނީ ފުލުސް މީހެއްގެ ރޯލްއިން ފެންނަ ތައްބޫއެވެ. މީގެއިތުރުން ވަރުގަދަ ގޭންގަކާއި ފުލުހުންނާ ދެމެދު ހިނގާ ތަޅާފޮޅުންތަކެއްގެ މަންޒަރު ފިލްމުގެ ޓްރެއިލާއިން ފެނެއެވެ.
އަޖޭ ޑައިރެކްޓްކުރާ ފިލްމަކަށް "ބޯލާ"ވެފައި ފިލްމުގައި ފެނިގެންދާ އެކްޝަން ސީންތަކަކީ ވަރަށް ކޮލިޓީ ސީންތަކެއްކަމަށް ބައެއް މީހުންވަނީ ބުނެފައެވެ. ތްރީ-ޑީކޮށް ގެނެސްދޭ މިފިލްމުގައި ޒަމާނީ ފެންވަރުގެ ވީ.އެފް.އެކްސް ޝޮޓްތަކެއްވެސް ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.
ފިލްމު "ބޯލާ"އަކީ 2019ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމެއް އަސްލަށް ބަލައިގެން އުފައްދާ ފިލްމެކެވެ. އަޖޭއާއި ތައްބޫގެ އިތުރުން ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި، ދީޕަކް ދޮބްރިޔަލް، ސަންޖޭ މިޝްރާ އަދި އަމާލާ ޕޯލް ހިމެނެއެވެ. މިފިލްމުގެ ޚާއްޞަ ފެނިލުމަކުން އެކްޓަރު އަމީތާބް ބައްޗަންވެސް ފެންނާނެއެވެ. އަމިއްލަ ފިލްމީ ކުންފުންޏެއް ހިންގުމުގެ އިތުރުން އަޖޭއަކީ ފިލްމީ ތިއޭޓަރުތައްވެސް ހިންގާ ފަރާތެކެވެ.
ވޭތުވެދިޔަ ދެ އަހަރަކީ އަޖޭގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ފެނުނު ދެ އަހަރެވެ. އޭގެތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރް.އާރް.އާރް"އާއި "ރަންވޭ 34" އަދި ފިލްމު "ދްރިޝްޔަމް 2" ހިމެނެއެވެ.